ޚަބަރު

ޕީޖީ އޮފީހުގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ މިއަދު ބާއްވަން އޮތް ޝަރީއަތުގެ މަޖލީހެއް ކެންސަލްކުރަން ޖެހިއްޖެއެވެ.

ޕީޖީ އޮފީހުގެ މުވައްޒަފަކު ކޯވިޑް-19 ޕޮޒިޓިވްވިކަން އެނގުނީ ރޭ ކަމަށް އެއޮފީހުން ވިދާޅުވެއެވެ. ނަމަވެސް އޭނާއަކީ އެ އޮފީހުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޕީޖީ އޮފީހުގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމުން އެ އޮފީސް ޑިސްއިންފެކްޓް ކުރަން ޖެހުމުން މިއަދު ބާއްވަން އޮތް ޝަރީއަތުގެ މަޖިލީހެއްވަނީ ކެންސަލް ކުރަން ޖެހިފައެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކެންސަލްކުރަން ޖެހުނީ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވާ ގަޑިއަށް ޕީޖީ އޮފީހުގެ ވަކީލުންނަށް އެއޮފީހަށް ދެވޭ ގޮތް ނުވުމުންނެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއާ ގުޅޭ ޝަރީއަތުގެ އަޑުއެހުން ބާއްވަން ހަމަ ޖައްސާފައި އޮތީ އޮންލައިންކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވިދާޅުވީ އެ މައްސަލައިގައި ގިނަ އަދަދަކަށް ލިޔެކިޔުންތައް ހުރުމުން މައްސަލައިގެ އަޑުއެހުމުގައި ޕީޖީ އޮފީހުގެ ވަކީލުންނަށް ގޭގައި ތިބެގެން ބައިވެރިވާން އުނދަގޫ ކަމަށް އެ އޮފީހުން އަންގާފައިވާ ކަމަށެވެ. އަދި އެ އޮފީސް އެގަޑީގައި ޑިސްއިންފެކްޓްކުރާތީ އޮފީހަށް ދެވެން ނެތިގެން މައްސަލައިގެ އަޑުއެހުން 3.00 ގައި ބާއްވަން އެދުނު ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން އެދުނު ގޮތައް ގަޑި ބަދަލުކޮށްނުދެވުނީ އެގަޑީގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާ ދެވެން ނެތުމުން ކަމަށްވެސް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން އެ އޮފީހުގެ މުވައްޒަފުން ނިކުންނަނީ ވަކި ވަކިން ބަހާލައިގެން ކަމަށެވެ. އަދި އެ އޮފީހުގެ ވަކީލުން ގޭގައި ތިއްބަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަކުގައި ބައިވެރިވަމުންގެންދަވައެވެ.