ޚަބަރު

ގުޅީގައި ފެނާއި ނަރުދަމާ ވިއުގަ އެޅުމަށް ތައްޔާރުވެއްޖެ


ކ.ގުޅީގައި ފެނާ ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތުގެދަށުން ނަރުދަމާ ހޮޅިއާއި ފެންހޮޅިތައް އެޅުމަށް ތައްޔާރުވެއްޖެއެވެ.

ކ.ގުޅީގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ މިދިޔައަހަރުއެވެ. އެރަށުގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތުގެދަށުން މިހާރު ކުރިއަށްދަނީ ނަރުދަމާ ޕަމްޕް ސްޓޭޝަންތައް ހެދުމާއި، އިދާރީ އޮފީސް އިމާރާތުގެ މަސައްކަތެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ރަށުތެރޭގައި އަޅަންޖެހޭ ފެނާއި ނަރުދަމާގެ ނެޓްވަރކްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.

ކ.ގުޅީގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުގައި ހިމެނެނީ ފެނުގެ ވިއުގަ އެޅުމާއި، ގޭގެއަށް ގުޅައިދިނުމާއި، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، ނަރުދަމާ ވިއުގައާއި ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި ސީ އައުޓްފޯލް އެޅުމުގެ އިތުރަށް އިދާރީ މަސަކަތްކުރާ އިމާރާތް އެޅުމުގެ މަސައްކަތެވެ. ފެނުގެ ނިޒާމުގެ މަސައްކަތުގެދަށުން އާރް.އޯ ޕްލާންޓްގެ މަސައްކަތްވެސްވަނީ ފަށާފައެވެ.

ދެއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް މިމަޝްރޫޢޫގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާލުކުރި ގުޅީގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތަށް 27 މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.