ޚަބަރު

އަދީބަށް ކުރާ ހަތް ދައުވާއެއްގެ އަޑުއެހުން މިއަދު


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި އާ ދެކޮޅަށް ދައުލަތުން ކުރާ ހަތް ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުން މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި ޝަރީއަތް މިއަދު ބާއްވަން ހަމަ ޖައްސާފައިވަނީ އޮންލައިންކޮށް ވީޑިއޯ ކޮންފަަރެންސް މެދުވެރިކޮށެވެ. މިއަޑު އެހުން ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 13.00 ގައިއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދާދިނުމުގެ ދައުވާއަކާއި ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާއެއް ހިމެނެއެވެ. މީގެއިތުރުން މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާވެސް ދައުލަތުން ވަނީ އަދީބުގެ މައްޗަށް އުފުލާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މީގެ ކުރިން އަދީބުގެ މައްޗަށް ތަފާތު އެކި ދައުވާތައްކޮށްފައިވާއިރު އޭނާގެ މައްޗަށް އެކި ކުށްތައް ސާބިތުވެ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. ނަމަވެސް އޭގެ ފަހުން މަތީ މަރުހަލާގެ ކޯޓުތަކުން އެ ހުކުމްތައް ބާތިލްކުރިއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން އެއް ހުކުމް ބާތިލް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާގޮތް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނިކޮށް އަދި ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އަދީބު ވަނީ ޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން ދާން މަސައްކަތްކޮށްފައެވެ.