ޚަބަރު

ރައީސް ޔާމިން އަތުން ފަސް މިލިއަން ޑޮލަރު ހޯދަން އޭޖީ ކޯޓަށް ހުށައަޅުއްވަނީ


މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތައް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ހުކުމާ އެއްގޮތައް ދައްކަވާފައިނުވާތީ އެ ފައިސާ ހޯދަން ކޯޓަށް ހުށައަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ފަސް މިލިއަން ޑޮލަރު މީރާ މެދުވެރިކޮށް ދައުލަތައް ދައްކަން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތައް ފައިސާ ނުދައްކަވާތީ ކޯޓަށް ހުށައެޅުއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

"ހުކުމާ އެއްގޮތައް ދައުލަތައް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރު ލިބިފައިނުވާތީ އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ގާނޫނުގައިވާ ގޮތުގެ އަޅުގަނޑު ކުރަމުން ގެންދާނަން. އެ މައްސަލަ ކޯޓަށް ހުށައެޅުމުގެ ކުރަން ފުރިހަމަ ކުރަން ޖެހޭ ކަންކަން މި ދަނީ ކުރަމުން. އަދި އެކަން ނިމުމާއެކު އެ ފައިސާ ހޯދަން ކޯޓަށް ހުށައަޅާނަން." ބަންޑާރަ ނައިބު ވިދާޅުވިއެވެ.

މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 28 ވަނަ ދުވަހުއެވެ. އެ ފައިސާ ދެއްކުމަށް ކޯޓުން އަންގާފައިވަނީ ހުކުމް ކުރިތާ ހަ މަސްދުވަސް ތެރޭގައެވެ. އެހެން ކަމުން ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު މެއިމަހުގެ 28 ވަނަ ދުވަހަށްވަނީ ހަމަވެފައެވެ.

ރައީސް ޔާމީނަށް މި ހުކުމް ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ފައިސާގެ ތެރެއިން އެސްއޯއެފް މެދުވެރިކޮށް ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ އެއްމިލިއަން ޑޮލަރުން އިންވެސްޓްކޮށް މަނީލޯންޑަރކޮށްފައިވާކަމަށް ކޯޓުގައި ސާބިތުވުމުންނެވެ.

ރައީސް ޔާމީން ވަނީ ކްރިމިނަލް ކޯޓުގެ އެ ހުކުމް ބާތިލްކުރުމަށް ހުށައަޅުއްވާފައެވެ. އަދި ހައިކޯޓުން އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށްވެސް އެދިވަޑައިގެންނެވިއެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ދައުލަތައް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ދެއްކުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލައިގަ ހައިކޯޓުން ވަކިގޮތެއް ނިންމަންދެން އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދި ކޯޓަށް ހުށައެޅުއްވުމުން އެ ކޯޓުން ނިންމާފައިވަނީ ހުކުމް ފަސްކުރަން އަންގަންޖެހޭފަދަ ސަބަބެއް ނެތް ކަމަށެވެ.

ކޯޓުން ކުރާ ހުކުމާ އެއްގޮތައް އެ ފައިސާ ދައްކަވާފައިނުވާނަމަ ދެން އެ ފައިސާ ހޯދަން ނުވަތަ ހުކުމް ތަންފީޒުކުރަން ކޯޓަށް ހުށައަޅުއްވަން ޖެހޭނީ ބަންޑާރަ ނައިބެއެވެ.