ޚަބަރު

ޖޭޕީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރަން ހުށައަޅައިފި


ޖުމްހޫރީޕާޓީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރަން ކުއްލި މައްސަލައެއް އެޕާޓީގެ ކައުންސިލަށް ހުށައަޅުއްވައިފިއެވެ.

ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް ވެސް ވަނީ އަލީ ވަހީދު މަގާމުން ވަކިކުރަން އެ ޕާޓީގެ ކައުންސިލަށް ހުށައަޅާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އެހެން ނަމަވެސް އެ މައްސަލަ ހުށައެޅުއްވީ ކޮންބޭފުޅެއް ކަމެއް އެ ޕާޓީން ހާމައެއްނުކުރެ އެވެ. އަދި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް އަދި ތާވަލު ކޮށްފައެއްނުވެއެވެ.

މީގެ ކުރިންވެސް ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އަލީ ވަހީދު ޕާޓީގެ ރައީސް ކަމުގެ މަޤާމުން ވަކިކުރުމަށް، ޖޭޕީގެ ކައުންސިލަށް ހުށައެޅިއެވެ. ނަމަވެސް އެމައްސަލައިގައި ނިންމިގޮތެއް އެނގިފައެއް ނުވެއެވެ.

އަލީ ވަހީދު ޕާޓީގެ ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް އެ ޕާޓީގެ ކައުންސިލަށް ހުށައަޅުއްވާފައި މި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އޭނާއަށް އަންގަވާފައި ވަނިކޮށެވެ.

އަލީ ވަހީދުގެ މައްޗަށް ތުހްމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުންވެސް ވަނީ ވިދާޅުވެފައިއެވެ.

އަލީ ވަހީދު ޖޭޕީގެ ރައީސްގެ މަގާމަށް އިންތިޚާބު ކުރީ 2018 ވަނަ އަހަރުގެ ޖޫން 22 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައެވެ. ކޮންގްރެސްގައި އޭނާއާ އިތުރު މީހަކު ވާދައެއް ނުކުރެ އެވެ.

ޖޭޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަ މީހަކު މަޤާމުން ވަކިކުރެވިދާނެ އެވެ.