ޚަބަރު

މާލޭހުކުރު މިސްކިތް މިމަހު ހުޅުވާލާނެ: ހެރިޓޭޖް މިނިސްޓްރީ


މާލޭ ހުކުރު މިސްކިތް މިމަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ މިސްކިތް ހުޅުވާލުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ ޚާއްސަ ޓީމަކުންނެވެ. މިމަސައްކަތްކުރުމަށް މިސްކިތް ބަންދުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ. ދެއަހަރު ދުވަހުގެ މަޝްރޫއެއްގެ ދަށުން އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މިމަޝްރޫޢުގެ މަސައްކަތަށް މިސްކިތް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިގު ވިދާޅުވީ ކޮވިޑާއި ގުޅިގެން ވަގުތީ ގޮތުން މިސްކިތުގެ މަރާމާތުގެ މަސައްކަތްތައް ހުއްޓާލާފައިވަތީ މިސްކިތް ނަމާދުކުރެވޭ ގޮތަށް ހުޅުވާލަން ނިންމާފައިވާކަމަށެވެ. ޠާރިގު ވިދާޅުވީ މިހާރު މިސްކިތުން ކަތުރުފަނި ނައްތާލައި އިތުރަށް ދޭންޖެހޭ ޓްރީޓްމަންޓްތައްވެސް ދީ ނިމިފައިވާކަމަށެވެ.

" މިސްކިތް ހުޅުވާލާއިރު މިސްކިތުގެ ގޯތިތެރެވެސް ހުޅުވާލާނެ. އަޅުގަނޑުމެން މިމަހުގެ ތެރޭގައި މިސްކިތް ޢާއްމުނަށް ހުޅުވާލާނަން. އެކަމުގެ މަސައްކަތްތައް މިހާރު ކުރިއަށް މިގެންދަނީ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެތަނުގެ ތަޅުމުގައި ކާޕެޓު ނުވަތަ ނެވިލޯނު އެޅުމުގެ މަސައްކަތް ކުރިއަށްގެންދަނި. މިސްކިތުގެ ތަޅުމުގައި އަޅަންޖެހޭ އެއްޗެއް އެޅުމުގެ އިތުރަށް ކުރާނެ މަސައްކަތެއް މިހާރަކު ނޯންނާނެ."

އަދި ކުރިއަށް އޮތްތަނުގައި މިސްކިތުގެ މަސައްކަތްކުރުމަށް ބަންދުކުރާނަމަ އެކަންކުރާނީ މަސައްކަތަށް ކޮންމެހެން ބަންދުކުރަންޖެހޭ ވަކި ސަރަޙައްދުތައް ބަންދުކޮށްގެންކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ އިސްލާމީ ވަޙުދަތާއި، ދިވެހީންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ އެންމެ ދުވަސްވީ އެއް ބިނާއެވެ. އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ އަމުރުފުޅަކަށް މީލާދީން 1656 ގައި ބިނާކުރެވުނު މި މިސްކިތަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ނުފެންނަ ފަދަ ހިރިގަލުގެ ފުރިހަމަ މަސައްކަތް ފެނިގެންދާ ބިނާއެކެވެ.

ރާއްޖޭގައި ހިރިގަލުން އިމާރާތްކޮށްފައިވާ މަދު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެތަނަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ޔުނެސްކޯ އާއި އިންޑިއާ ސަރުކާރާއި ގުޅިގެން ދަނީ ކުރަމުންނެވެ. މީގެކުރިން 1986ވަނަ އަހަރާއި 1987 ވަނަ އަހަރާ ދެމެދުވެސް އިންޑިއާއިން ހުކުރުމިސްކިތުގެ އާބާތުރަފިލުވާފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ފާހަގަކުރައްވައެވެ.