ޚަބަރު

ކެނޑިޑޭޓަކު ނިޔާވެ، 4 ކެނޑިޑޭޓެއްގެ ނަން އުނިކޮށްފި


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކު ނިޔާވުމާގުޅިގެން އޭނާގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ހދ.ހަނިމާދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓަކު ނިޔާވެގެން ކެނޑިޑޭޓުންގެ ލިސްޓުން އޭނާގެ ނަން އުނިކޮށްފައިވާކަމަށެވެ. އޭނާއަކީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ހދ.ހަނިމާދޫ؛ ފިޔާތޮށިގެ ޙުސްނުބާން ޢަބްދުއްރަޙްމާނެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބގައި ވާދަކުރި އިތުރު 4 ކެނޑިޑޭތެއްގެ ނަންވެސް ވަނީ ކެނޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައެވެ. އެއީ ނަން އަނބުރާ ގެންދިޔަ 4 ކެނޑިޑޭޓެކެވެ. ނަން އަނބުރާ ގެންދިޔައީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރި 2 ކެނޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަކާއި، އަމިއްލަ ކެނޑިޑޭޓެކެވެ.

އެ 4 ކެނޑިޑޭޓުން ނަކީ

  • އިބްރާހީމް ސާއިލް، ނަސީމީވިލާ ށ.މިލަންދޫ
  • ސަޢުދު މުޙައްމަދު، ވެލިދޫގެ ނ. މަގޫދޫ
  • ޙަލީމަތު ފިޢުނާ، ސޯސަންވިލާ ނ.ފޮއްދޫ
  • އަޙްމަދު ޢާޞިފް (އަންމަޑޭ)، އިވްނިންގހައުސް ހދ. ނޭކުރެންދޫ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް، ނަން އަނބުރާ ނެގުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ މަހުގެ 23 ވަނަދުވަހުއެވެ. މީގެ ކުރިންވެސް 12 ކެނޑިޑޭޓުންވަނީ ނަން އަނބުރާ ގެންގޮސްފައެވެ. މީއޭގެ ތެރެއިން 8 ކެނޑިޑޭޓުންނަކީ އަންހެނުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ޖުމްލަ 2434 މީހުންވަނީ ކުރިމަތިލާފައެވެ. ކައުންސިލްތަކަށް އިންތިޚާބުކުރަން ޖެހޭނީ 980 ކައުންސިލަރުންނެވެ.

ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤްކުރައްވާފައެވެ.

އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާތާ ހަތް ދުވަހުގެ ތެރޭގައި، އިންތިޚާބާގުޅޭ މަސައްކަތްތައް ރަސްމީކޮށް ފަށާނެ ތާރީޚަކާއި، އިންތިޚާބު އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރަންވާނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލެއް ނުގެނެވޭނެކަމަށާއި އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމާއެކު އެމީހުން ކުރިން ތިބި މަޤާމަށް ރުޖޫޢަވާނެކަމަށްވެސް މި ޤާނޫނުގައިވެއެވެ.