ޚަބަރު

ވޮޑަމުލާ ކިޔާ ރަށެއް ނުދަންނަން، އެރަށް ދިނީ އަދީބުގެ ދެ ރައްޓެހިންނަށްކަން އެނގޭ : ރައީސް ޔާމިން


ކުރީގެ ރައީސް އަބްދުﷲ ޔާމިނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަންޑޮލަރަކީ ގއ.ވޮޑަމުލާ ކުއްޔަށް ދީގެން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ފައިސާ ކަމަށް ދައުލަތުން ބުނި ނަމަވެސް އެ ރަށުގެ ވާހަކަ ފުރަތަމަ ފަހަރަށް އިވިވަޑައިގެންނެވީ ވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ބާތިލްކުރުމަށް ހުށައަޅުއްވާފައިވާ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނު ވަނީ މަނީލޯންޑަރކުރި ފައިސާ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

ވޮޑަމުލާ ކިޔާ ރަށެއް އޮންނަ ކަންވެސް އެމަނިކުފާނަށް ފުރަތަމަ ފަހަރަށް އެނގިވަޑައިގެންނެވީ މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ދިޔައިރު ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ. ނަމަވެސް އޭގެ ފަހުން ވާހަކަފުޅު ތެރެއިން ރައީސް ޔާމީނު ވިދާޅުވީ ވޮޑަމުލާއަކީ އެމަނިކުފާނާއި ގުޅުން އޮންނަ ރަށެއް ނޫން ކަމަށާއި އެރަށް ދީފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި އަހްމަދު އަދީބުގެ ދެ ރައްޓެހިންނަށް ކަމަށެވެ. އެރަށުގެ ވާހަކަ ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓުން އެނގިވަޑައިގެންނެވިއިރު އެރަށް ކުއްޔަށް ދިނީ އަދީބުގެ ދެ ރައްޓެހިންނަށްކަން ޔަގީންކަމާއެކު އެމަނިކުފާނަށް އެނގިވަޑައިގެންނެވި ގޮތެއް މި އަޑުއެހުމުގައި ވިދާޅެއްނުވެއެވެ. ނަމަވެސް އެރަށް ދޭން ބޭނުންވެގެން އަދީބު އުޅުއްވި ކަމަށްވެސް ރައީސް ޔާމިން ވިދާޅުވި އެވެ.

އެމަނިކުފާނު އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާވި އެއް މިލިއަން ޑޮލަރާ ގުޅޭ ގޮތުން ރައީސް ޔާމިން މިއަދު ވިދާޅުވީ އެ ފައިސާ އަކީ އަދީބު އަތުގައި ހުރި އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކަށް މީހުން ދީފައިވާ ފައިސާގެ ތެރެއިން ބައެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ބަޔަކު ދިން ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށް ވިދާޅުވި އެވެ. އެ ފައިސާ ބަލައި ދިޔައީ އޭރުގެ ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ އާއި އޭރު ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަދީބު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމިން ވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އަދީބު އެދިގެން އެސްއޯއެފްއިން ޖަމާކުރި ފައިސާކަން އެސްއޯއެފްގެ އިސްވެރިއެއް ކަމަށްވާ މުހައްމަދު އައްލާމް އަބްދުލް ލަތީފު ބައެއް ފަރާތްތަކާ ދައްކާފައިވާ ވާހަކަތަކުން އެނގޭނެ އެވެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުވާކުރި މައްސަލައިގެ ތަހްގީގުކުރީ އެމްއެމްއޭގެ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް( އެސްޓީއާރު) އަކަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގޭނެ އެއްވެސް ހެއްކެތް ދަށު ކޯޓަށް ދައުލަތުން ހުށައަޅާފައިނުވާ ކަމަށް ވިދާޅުވި އެވެ.

"އަދީބު އެރަށް(ވޮޑަމުލާ) ހޯދައިދޭން އުޅުނީ އޭނާގެ ދެ ރައްޓެހިންނަށް، އަޅުގަނޑާ އެރަށާއި އެއްވެސް ގުޅުމެއް ނެތް،" ރައީސް ޔާމިން ވިދާޅުވި އެވެ.

އެސްއޯއެފްގެ ޗެކެއް ލިބޭ ކޮންމެ މީހަކާ އެމްޕީއާރުސީގެ ހިޔާނާތާ ނުގުޅުވޭނެ ކަމަށް ފާހަގަ ކުރައްވާ ރައީސް ޔާމީނު ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ ސާބިތުކުރަން ހެކިބަސްދިން މީހުންގެ ހެކިބަސް ގަބޫލު ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައި އެވެ.

އެއްމިލިއަން ޑޮލަރު އެކްސްރޯއެކައުންޓަކަށް ލެއްވީ ރިޔާސީ އިންތިހާބާ ހަމައަށްދާއިރު ރައްޔިތުންގެ ހިތުގައި ކުޑަވެސް ޝައްކެތް ނުބޭއްވުމަށް ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.

ވޮޑަމުލާ ކިޔާ ރަށެއް ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމިން ކޯޓުގައި ވިދާޅުވެފައިވާއިރު އެރަށް ޓޫރިޒަމަށް ދޫކުުރުމަށް އެމްއެމްޕީއާރުސީގެ އޭރު މެނޭޖިން ޑިރެކްޓަރަށް އެމަނިފާނު ގުޅުއްވި ކަމަށް ހެކިބަސް ދެމުން ޒިޔަތު ވިދާޅުވި އެވެ.

ހައިކޯޓުގައި މިއަދު އޮތީ އިސްތިއުނާފުގެ އެންމެ ފަހު އަޑުއެހުން ބާއްވާ ގޮތަށެވެ. ނަމަވެސް ރައީސް ޔާމިނާއި ދައުލަތުގެ ވަކީލުން ދައްކަވަން ހުރި ހުރިހާ ވާހަކަތަކެއް ދެއްކެވުމުން ދައުލަތުން އެންމެ ފަހު ބަހެއްގެ ގޮތުގައި ދެއްކެވި ވާހަކަތަކަށް ރައްދުދޭން އިތުރު ވަގުތައް ރައީސް ޔާމިން ވަނީ އެދިވަޑައިގެންފައި އެވެ.

އެހެންވެ ޝަރީއަތުން ރައީސް ޔާމިންގެ ދިފާއީ ވަކީލުންނާ ބައްދަލުކުރެއްވުމަށް ވަކީލުނަށް ފުރުސަތު ދިނުމަށްފަހު އަދި އެއް އަޑުއެހުން ބާއްވަން ނިންމަވާފައި އެވެ.