ޚަބަރު

ޒިންމާ އަދާނުކުރާތީ އެންއައީސީގެ 4 މެމްބަރަކު ވަކި ކުރަނީ


ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން 4 މެމްބަރަކު މަޤާމުގެ ޒިންމާ އަދާކުުރަމުންނުދާކަމަށް ފާހަގަކުރެވިފަވާތީ އެމެމްބަރުން ވަކިކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސާތަކާއި ބެހޭ ކޮމިޓީން އެކުލަވާލި ސަބްކޮމިޓީގައި މިމައްސަލަ ދިރާސާ ކުރެއްވުމަށްފަހު މިކަމުގައި އެކުލަވާލާފައިވާ ރިޕޯޓްތައް މިއަދު ވަނީ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފައެވެ. ކޮމިޓީން ނިންމާފައި ވަނީ މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާތީ އެންއައިސީގެ 4 މެމްބަރަކު ވަކިކުރުމަށް ރައީސުލްޖުމުހޫރިއްޔާއަށް ލަފާ އެރުވުމަށެވެ.

ކޮމިޝަނުން ވަކިކުރުމަށް ނިންމާފައިވާ މެމްބަރުންނަކީ އެންއައިސީގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން މެމްބަރު ޚަދީޖާ އަބްދުﷲ އެވެ. ކޮމިޝަނުން ވަކިނުކުރުމަށް ނިންމާފައި ވަނީ މިސަރުކާރުން ކޮމިޝަނަށް އައްޔަންކުރެއްވި ކޮމިޝަންގެ މެމްބަރު ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދެވެ. ކޮމިޝަނުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، ކޮމިޝަނުން މަސްއޫލިއްޔަތު އަދާކުރާ މިންވަރާ ގުޅޭ މަޢުލޫމާތު ހޯދުމަށްޓަކައި އެ ކޮމިޝަނަށް އެންމެ ފަހުން ޢައްޔަނުކުރި މެންބަރު ޖިހާދު ވަނީ ސަބް ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައެވެ.

މިމައްސަލަ ސަބްކޮމިޓީގައި ދިސާރާކުރަމުން ދިޔައިރު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންނާ ގުޅޭގޮތުން، އެ ކޮމިޝަނަށް ހުށަހެޅި ބައެއް މައްސަލަތައް ނުވަތަ ޝަކުވާތައް އެ ކޮމިޝަނުން ބަލާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނަކީ ރާއްޖޭގައި ހިންގަމުންދާ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ.