ޚަބަރު

ލިޔުންތެރިން - ޤައުމުގެ މޫނުބަލާ ލޯގަނޑު!


ކޮންމެ ޤައުމެއްގެވެސް ތާރީޚު ބުނެދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ބަޔަކީ ލިޔުންތެރިންނޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ.

ދުނިޔޭގެ އޮޔާއި ވަޔާއި، އެބަޔަކު ދިރިއުޅޭ މާޙައުލު ވަށައިގެން ހިނގާ މުހިއްމުކަންކަމާއި މެދު ޢިލްމީ ނަޒަރިއްޔާއަކުން މީހުން ހޭލުންތެރިކުރުވުގައި ލިޔުންތެރިންގެ ދައުރާއި މަސްއޫލިއްޔަތު ވަރަށް ބޮޑެވެ. މާޒީގައި ހިނގާފައިވާ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު މުއްސަނދިކޮށްދިނުމުގައިވެސް ލިޔުންތެރިން އަދާކުރާ ދައުރު ކުޑައެއް ނޫނެވެ.

ރާއްޖޭގެ ލިޔުންތެރިކަމުގެ ތާރީޚަށް ބަލާއިރު، ރާއްޖޭގެ ފުރަތަމަ މަޖައްލާ "އަލްއިޞްލާޙު" ނެރެން ފެށުނީ، 8 ޖުލައި 1933 ގައެވެ. އެއީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއިން ލިބުނު މިނިވަންކަމުގެ ތެރެއިންނެވެ. އޭގެކުރިން އެފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއްވެސް އާންމުކޮށް ލިބިފައެއް ނުވެއެވެ. އެހެންކަމުން ލިޔުންތެރިކަން އޭގެ ހަޤީޤީ މާނައިގައި ރާއްޖޭގައި ފެށިގެން އައީ އެހިސާބުންނެވެ. "އަލްއިސްލާޙު" ނެރުނުތާ މިއަދަށް މިފުރުނީ 87 އަހަރު ފުރުނީއެވެ.

"އަލްއިސްލާޙު" އަކީ ރާއްޖޭގައި ޗާޕުކޮށްގެން ނެރެން ފެށި ފުރަތަމަ މަޖައްލާއެވެ. އެ މަޖައްލާގެ ޗީފް އެޑިޓަރު ނުވަތަ އޭރުގެ ނަމުންނަމަ ރައީސުއްތަޙްރީރަކީ ދިވެހިބަހާއި އަދަބިއްޔާތަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަޟީލަތުއްޝައިޚް ޙުސެއިން ޞަލާޙުއްދީނެވެ. އެޑިޓަރަކީ އޭރުގެ ވަޒީރުއްދާޚިލިއްޔާ އަދި ވަޒީރުލް މަޢާރިފް އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީއެވެ. މި މަޖައްލާގެ މަޤުޞަދާއި، ޝާއިޢުކޮށްފައިވާ ލިޔުންތަކުގެ ބާވަތްތަކަށް ބަލާއިރު މި ޒަމާނުގެ ނޫސްވެރިކަމާއި، ނޫސް މަޖައްލާއެއްގައި ހުންނަންޖެހޭ ގިނަ ސިފަތަކެއް ހުއްޓެވެ. އެހެންކަމުން މިއީ ރާއްޖޭގައި ނޫސްވެރިކަން ފުޅާވެ ކުރިއެރުމަށް ކޮށިގެންދިޔަ ފުރަތަމަ މަގެވެ.

މި މަޖައްލާގައި ދީނީ، އަޚްލާޤީ، ޢިލްމީ، ސައިންސް، ތަޢުލީމީ، ތާރީޚީ ގިނަ ލިޔުންތަކެއް ހިމެނެއެވެ. އަދި ސިޔާސީ، އިޖުތިމާއީ، އިގްތިސާދީ ލިޔުންތައްވެސް ހިމެނެއެވެ. މި މަޖައްލާގެ ލިޔުންތެރިންނަކީ އޭރު ރާއްޖޭގައި ތިއްބެވި އެކަމަށް ކުޅަދާނަ ޢިލްމީ ލިޔުންތެރިންނެވެ. އޭގެ ތެރޭގައި އަލްއަމީރު މުޙައްމަދު ފަރީދު، ފަޟީލަތުއްޝައިޚް ޙުސެއިން ޞަލާޙުއްދީން، އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ، އަލްއަމީރު މުޙައްމަދު އަމީނު، އައްނަބީލު މޫސާ މުޙައްމަދު ދީދީ ފަދަ ބޭފުޅުން ހިމެނެއެވެ.

ލިޔުންތެރިންނަކީ އަމިއްލައަށް ޢިބާރާތްކޮށްގެން އެއްޗެހި ލިޔުމުގެ ކުޅަދާނަކަމާއި ޤާބިލުކަން އަދި އެކަމުގެ ހުނަރު ލިބިފައިވާ މީހުންނެވެ.

ލިޔުންތެރިންގެ ތެރޭގައި އެކިއެކި ޢިލްމުތަކާއި ފަންނުތަކުގައި ފޮތް ލިޔުއްވާ މުދައްރިސުންނާއި އުސްތާޛުން، ތަފާތު އެކި މައުޟޫޢުތަކަަށް ފޮތް ލިޔުއްވާ ބޭފުޅުންނާއި، ވާހަކަ ލިޔާ މީހުންނާއި، ޅެން ހަދާ މީހުން، އަދި ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނެއެވެ. ގައުމުގައި ހިނގާކަންކަމާމެދު އާންމު ވިސްނުމުން ވިސްނަން ނޭނގިފައި ހުންނަ ކަންކަން ވިސްނަން ދަސްކޮށްދީ، ގައުމުގެ އަމިއްލަ ވަންތަކަމާއި މުސްތަޤުބަލު ބިނާކުރުމަށްޓަކާ މޫނުބަލާ ލޯގަނޑަކީ ލިޔުންތެރިންނެވެ.

ދަޢުލަތުގެ ހިންގުމުގެ ނިޒާމު ޖަވާބުދާރީކުރުވުމާއި، ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި، އިޖްތިމާޢީ މައްސަލަތަކާއި އަޑުއުފުލައިދޭ އެންމެ މުހިއްމު ވަޞީލަތަކީ ލިޔުންތެރިންނެވެ. ހަމައެއާއެކު ޤައުމުގެ ސަޤާފަތާއި ތާރީޚު ހިމާޔަތްކޮށް، އެބައެއްގެ ބަހާއި އަދަބިއްޔާތު ދެމެހެއްޓެނިވިގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމުގައި ލިޔުންތެރިން އަދާކުރަމުންދަނީ ޤައުމީ ވާޖިބެކެވެ.

ބަވަނަވަމުންދާ މި ޒަމާނުގައި ޓެކްނޮލޮޖީގެ ވަޞީލަތްތަކާއެކު ލިޔުންތެރިކަންވެސް މިވަނީ ވަރަށް ބޮޑަށް ޑިޖިޓަލްވެފައެވެ. އަތުންލިޔެ ޗާޕުކޮށްގެން މަޖައްލާތައް ނެރުން ޒަމާން މާޒީވެ، ލިޔުންތެރިކަމަށް މިހާރު ގިނަ މީހުން ބޭނުންކުރަނީ ކޮމްޕިއުޓަރާއި، ލެޕްޓޮޕާއި ސްމާޓް ފޯނުފަދަ ޒަމާނީ ޢާލަތްތަކެވެ. ކުރިން އެ މަސައްކަތަށް އެތައް ވަގުތެއް ހޭދަވިޔަސް، މިއަދުގެ ވަޞީލަތްތަކާއެކު ލިޔުންތެރިކަމަށް ހޭދަވާ ވަގުތުވެސް މިވަނީ އެތައް ގުނައެއް ކުޑަކުރެވިފައެވެ. އެހެންނަމަވެސް ލިޔުންތެރިންވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމެއް އެބައޮތެވެ. އެއީ ޒަމާން ބަދަލުވިޔަސް، އެބަޔަކު ބޭނުންކުރާ ބަހުގެ ހަމަތަކާއި ޢުޞޫލުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމެވެ.