ޚަބަރު

ބޮޑުފިނޮޅުގެ ހަމަނުޖެހުން: ބަންދުގައި ތިބި ބިދޭސީންގެ ވަކީލުގެ ކަންބޮޑުވުންތައް


މި މަހަހުގެ ދެވަނަ ދުވަހު ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ބިދޭސީންގެ ވަކީލުން ބިދޭސީންގެ މައްސަލައިގައި ކަން ހިނގައި ގޮސްފައިވާ ގޮތާއި މެދު ކަންބޮޑުންތަކެއް ފާޅުކޮށްފިއެވެ.

ހައްޔަރުކޮށްފައިވާ ބިދޭސީއެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ގާނޫނީ ވަކީލު އާމިނަތު ނަޝްއާ އާދިލް ނެރުއްވި ބަޔާނުގައި ވިދާޅުވީ، ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން 19 މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ބަންދުގެ މަޖިލީސް ކުރިއަށް ގެންދިޔައީ ތަރުޖަމާނެއް ހަމަޖައްސަ ނުދީކަމަށް ބިދޭސީން ބުނެފައިވާ ކަމަށާއި އެހެންކަމުން އެމައްސަލަ ޖޭއެސްސީއަށް ހުށައަޅުއްވާނެ ކަމަށެވެ.

އެހެން ނަމަވެސް ހައްޔަރުކޮށްފައި ތިބި 19 މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ބޭއްވި ޝަރީއަތުގެ މަޖިލީސް ކުރިއަށް ގެންގޮސްފައި ވަނީ އޭދަފުށީގައި މަސައްކަތްކުރަން އުޅޭ ބަންގްލަދޭޝް މީހެއް ތަރުޖަމާނެއްގެ ގޮތުގައި ކޯޓުގައި ބަހައްޓައިގެންނެވެ.

ގާނޫނީ ވަކީލު ފާހަގަ ކުރެއްވި އަނެއް ކަންބޮޑު ވުމަކީ ބޮޑުފިނޮޅުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީންނަށް ބިރުދައްކައި އޭގެ ފަހުން މާރާމާރީ ހިންގުމަށް މަސައްކަތްކުރި ސީލް ކުންފުނީގެ މީހަކު ހައްޔަރުނުކޮށް ހެކިތަކަށް ނުފޫޒު ފޯރުވޭގޮތަށް ދޫކޮށްލާފައި ހުރިހުރުމެވެ.

އެގޮތުން ބިދޭސީންނަށް ބިރުދައްކާފައިވާ މައްސަލަ އާއި 200 އެއްހާ ބިދޭސީންތަކެއްގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް ސީލްމޯލްޑިވްސްގެ މުވައްޒަފަކު ޢަމަލުކޮށްފައި ވާއިރު، އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެކަން ކުށްވެރި ކުރާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އަދި މި ކަމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ވަކީލުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި މައްސަލަ ބ.އަތޮޅު ޖުޑީޝަލް ދާއިރާއިން އިންސާފުން ކުރިއަށްގޮސްދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް ވަކީލު ވަނީ ވިދާޅުވެފައި އެވެ. ސަބަބެއް ކަމަށް މި ބަޔާނުގައި ބުނެފައިވަނީ ސީލް މޯލްޑިވްސް ކުންފުނީގެ ޙިއްސާދާރުންނަކީ، ބ.އަތޮޅަށް ނިސްބަތްވާ ވިޔަފާރިވެރިން ކަމުގައިވެފައި، ބިރުދައްކައި ހަމަނުޖެހުން ހިނގާނެ ކަމަށް މީގެ ކުރިންވެސް ރިޕޯޓު ކޮށްފައިވާއިރު، ބ.އަތޮޅު ޕޮލިސްޓޭޝަންގެ ފަރާތުންވެސް ހަމަނުޖެހުންތައް ހިނގުމާއި ހަމައަށް ފިޔަވަޅެއް އަޅާފައި ނެތުމެވެ.

ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އެމައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ. އަދި އެމައްސަލައިގައި ބިދޭސީން ގެންގުޅުނު ރިޒްކުންފުންޏަށް އިންސާނީ ވަގުފާރީގެ ތުހުމަތުތައް ކުރެވޭ ކަމުގައި ފުލުހުންވެސް ވިދާޅުވެފައިވެއެވެ.