ޚަބަރު

ބޮޑުފިނޮޅަށް އަރަންދިޔަ ފުލުހުންނަށް ބިދޭސީން ހަމަލާދިނީ އޮޅިގެން: ވަކީލު


ހަމަނުޖެހުންތަކާއި ގުޅިގެން ބޮޑުފިނޮޅަށް ފުލުހުން ދިޔަ އުޅަނދުތަކަށް ހަމަލާދިނީ، އެއުޅަނދުގައި ތިބީ ފުލުހުންކަން ނޭނގިކަމުގައި، ހަމަނުޖެހުން ހިންގި ބިދޭސީންގެ ޤާނޫނޫ ވަކީލަކު ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ ދިފާއީ ވަކީލު އާމިނަތު ނަޝްއާ އާދިލް ނެރުއްވި ބަޔާނުގައި ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގުމަށް މެދުވެރިވީ އެރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ސީލް މޯލްޑިވްސްއަށް ނިސްބަތްވާ ދިވެހި މީހަކު ބިދޭސީންނަށް ބިރުދެއްކުމުން ކަމަށް ބިދޭސީން ބުނާކަމަށެވެ.

ބިދޭސީންނަށް ބިރު ދައްކައި ހަމަލާދޭން އެރަށަށް އޭގެ ކުރިންވެސް ބަޔަކު ދިޔަކަމާއި، ފުލުހުން އައުމުން ތޫނު ހަތިޔާރާއެކު ފުލުހުންނާއި ކުރިމަތި ލެވުނީ އެއީ ކުރީގައިވެސް ރަށަށް އަރައި ތޫނު ހަތިޔާރާއެކު މަރާމާރީ ހިންގަން އުޅުނު މީހުންކަމަށް ހީވުމުން އަމިއްލަ ސަލާމަތަށްޓަކައި ކަމަށްވެސް އެ ބިދޭސީ މީހާ އާއި ހަވާލާދީ އެ ބަޔާނުގައި ބުނެފައިވެއެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުންތައް ހިނގަމުންދާތީ އެރަށަށް ދިޔަ ފުލުހުންނާއި ކުރިތިލައި ހަމަލާދެވުނީ އޮޅިގެންކަމުގައި ބިދޭސީން ބުނެފައިވާއިރު، ފުރަތަމަ ފުލުުހުން އެރަށަށް ގޮސްފައި ވަނީ ފުލުހުންގެ ލޯންޗެއްގައެވެ. އެލޯންޗަށް ބިދޭސީން ދަގަނޑުބުރިތަކާއި ލަކުޑިބުރިތައް އުކައި ހަމަލާދީފައިވެއެވެ. އެމަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯވެސް ވަނީ އާއްމުވެފައެވެ.

އަދި ފުލުހުންގެ ލޯންޗުގައި ގޮސް ބޮޑުފިނޮޅަށް ނޭރިގެން، ދޯންޏެއްގައި ގިނަ އަދަދެއްގެ ފުލުހުން ބޮޑު ފިނޮޅަށް އަރަން ދިޔުމުންވެސް ބިދޭސީން ވަނީ، ގަލާއި ދަގަނޑުބުރިތަކާއި ލަކުޑިން ހަމަލާދީ އެދޯންޏަށްވެސް ގެެއްލުންތައް ދީފައެވެ.

ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުން ކޮންޓްރޯލްކުރީ މާލެއިން ފުލުހުންނާއި ސިފައިންނާއި އެކު ދިޔަ ޓީމަކުންނެވެ.

ބޮޑުފިނޮޅުގައި 13 ދިވެހިން ރަހީނު ކުރުމާއި، އެރަށުގައި ހުރި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމާއި، އަދި ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުންތައް ހިންގުމުގައި ބައިވެރިވި 19 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ ބަންދަށް އޭދަފުށީ މެޖިސްޓްރޭޓްކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.