ވިޔަފާރި

ލޯކަލް މާރުކޭޓް ހުޅުވުން ލަސްވީ މިންގަނޑަށް ނުފެތޭތީ: ސިޓީ ކައުންސިލް


މާލޭ ލޯކަލް މާރުކޭޓް ނުހުޅުވި ލަސްވަނީ އެޗްޕީއޭގެ މިންގަނޑުތަކަށް ނުފެތޭތީކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރިފް ވިދާޅުވެއްޖެއެވެ.

ކުރިން މާލޭ ލޯކަލް މާރުކޭޓް ހުޅުވަން ހަމަޖައްސާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝަމާއު ވިދާޅުވީ، ލޯކަލް މާރުކޭޓް ނުހުޅުވި ލަސްވަމުންދަނީ ގައިޑްލައިންއަށް ނުފެތޭތީކަމަށެވެ. ނަމަވެސް މިހާރު އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިމަހުގެ 10 ހިސާބުގައި މާރުކޭޓް ހުޅުވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި މަހުގެ 10 ހިސާބުގައި އެތަން (ލޯކަލް މާރުކޭޓް) ހުޅުވިގެންދާއިރު، ގައިޑްލައިންއަށް ފެތޭނެ. ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ." ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ މާރުކޭޓް ހުޅުވުމަށް މަސައްކަތް ކުރަމުންދާއިރު ހުރިހާ ފަރާތްތަކުންވެސް މިހަފްތާގެ ތެރޭގައި ޤަވައިދާއި ޙިލާފަށް ހުރި ކަންކަން އިސްލާހުކުރުމަށް އެދޭކަމަށެވެ.

ލޯކަލް މާރުކޭޓް ނުހުޅުވި ނަމަވެސް އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތްވުމުގެ ސަބަބުން ދަތުރުވެރިންގެ މާރުކޭޓާއި މަސްމާރުކޭޓް ހުޅުވައި އަންނަނީ ޙިދުމަތްދެމުންނެވެ.

އައު އާންމު ހާލަތުގައި މާލޭގެ މާރުކޭޓްތަކުން ޚިދުމަތް ދިނުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައެވެ. މާރުކޭޓުތަކުގައި ހިންގާ ގޮޅިތަކުގައި ހިފަހައްޓަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ހިދުމަތްދޭން ތިބޭ ފަރާތްތަކުގެ ސާފުތާހިރުކަން ހުންނަންޖެހޭ މިންގަނޑުތަކުގެ އިތުރުން ވިއްކަން ބަހައްޓާ ތަކެތީގެ ސާފުތާހިރުކަމުގެ މިންގަނޑުތައްވެސް މި އުސޫލުގައި ހިމަނާފައިވެއެވެ.