ޚަބަރު

މިހާރު މިތިބީ ދަތިކަމެއްގައި، އަރައިގަނެ ހުރިހާ ވަޢުދެއް ފުއްދާނަން - ރައީސް ނަޝީދު


ކޯވިޑް-19އާ ގުޅިގެން ރާއްޖެ މިއޮތީ އިޤްތިޞަދީ ބޮޑު ދަތިކަމެއްގައި ކަމަށާ، މިކަމުން އަރައިގަނެ މިސަރުކާރުގެ ހުރިހާ ވަޢުދެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުއްދަވާނެކަން ޔަޤީންކަމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޙައްމަދު ނަޝިދު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން މުޅި ރައްޖެ މިއޮތީ ދަތިކަމެއްގެ ތެރޭގައިކަމަށެވެ. ނަމަވެސް މިމަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވައި އިޤްތިޞާދީ ހަރަކާތްތައް ފަށައިގަތުމުން ރައްޔިތުން މިސަރުކާރަމެދު ކުރާ އުއްމީދުތައް އަލުން އައުވެގެންދާނެކަމަށް ވިދާޅުވިއެވެ. ކޯވީޑް-19ގެ ބަލިމަޑުކަމާ ރާއްޖެ ކުރިމަތިލީއިރު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ނސީބަކީ އެމްޑީޕީ ރާއްޖޭގެ ވެރިކަންކުރާ ޕާޓީގެގޮތުގައި އޮވެ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި އިބްރާހީމް މުޙައްމަދު ޞާލީހް ހުންނެވުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އާދެ އަޅުގަނޑުމެން މިތިބީ ތާށީގައި. އެކަމު އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓިއަކީ ތާށީގައި ތިބޭނެ ޕާޓިއެއް ނޫން. އަޅުގަނޑުމެންގެ އުއްމީދުތަކާއި އަޅުގަނޑުމެންގެ ވަޢުދުތަކާއެކީ މިޕާޓީ ނުކުންނާނެ. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް އަޅުގަނޑުމެން ގެނެސްދޭނަން. އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހީންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ނަސީބަކީ އިރާދަކުރައްވައިގެން މިއަދު މިކޮވިޑްގެ ބޮޑު ރޯގާ ޖެހުނުއިރު އެރައްޔިތުންގެ މައްޗަށް ވެރިކަންކުރާން ތި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓިގެ މެންބަރުން ތިއްބެވިކަން. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ރައީސްކަމުގެ މަޤާމުގައި ހުންނެވިކަން. އެބޭފުޅާގެ ކެބިނެޓް މަސައްކަތްކުރަމުން ގެންދިޔަކަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައިސް ނަޝިދު ވިދާޅުވީ، ދެވަނަ ފަހަރަށް އެމްޑީޕީން ވެރިކަމާއި ހަވާލުވީ ތަންދޮރު އެނގިގެންކަމަށާއި، އެޕާޓީއަށް ރާއްޖޭގެ މަސްރަހުގައި ވާނުވާ އެނގި އެކަމުގެ ތަޖުރިބާއާވެސް އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފަނަރަ އަހަރުވީއިރު ކޮބައިތޯ މިޕާޓިގެ ކާމިޔާބީއަކީ؟ ކޮބައިތޯ އަޅުގަނޑުމެންގެ ވާދަވެރިން، ރޫޅި ހިނގައްޖެ. އަޅުގަނޑުމެންނަށް ރައްދުދިނުމަށް ބޭނުންކުރަނީ މިޕާޓީގެ ވިސްނުން މިޕާޓިގެ ފަލްސަފާ. ސިޔާސީ މަސްރަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ."ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ހުރިހާ އިންތިޚާބަކަށްވެސް ވަޢުދުތަކަކާއެކު ނުކުންނަ ޕާޓީއެއްކަމަށެވެ. އެއީ ހަމައެކަނި އެޕާޓީން ކުރާކަމެއްކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. އެމްޑީޕީގެ ވަޢުދުތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާކަމަށާއި، އެ އެކްޝަން ޕްލޭންގެ އަމާޒު ނުގެއްލޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެވަޢުދުތައްވެސް ހަނދުމަފުޅުނުނެތޭ ކަމަށްވެސް ވިދާޅުވިއެވެ.

"ވަޢުދު އިރާދަކުރެއްވިއްޔާ ރަނުންރަނަށް ފުއްދާނަން. ހަމަ ތަކުރާރުކޮށްލާންން އަޅުގަނޑު. އެ ވަޢުދުތައް މިރާއްޖޭގެ ރައްޔިތުންނަށް ފުއްދާދޭނެ. އަޅުގަނޑުމެން ނިކުމެ މިތިބީ އެމަސައްކަތްކުރަން. އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނީ މި މަސައްކަތުގައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އަތޮޅުތަކުން މާލެ ސަަރަހައްދަށް މީހުން ގެނެސް މާލެ ސަރަޙައްދު ތޮއްޖައްސަން އެމްޑީޕީން މަސައްކަތްކުނުކުރާކަމަށާ، އެޕާޓިން ބޭނުންވަނީ މުޅި ރާއްޖެ ތަރައްޤީކުރުމަށް ކަމަށެވެ. ރައިސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަނީ އެވަޢުދުތައް ފުއްދުމުގައި އަވަދިނެތިކަމަށާ، މިފަސްއަހަރު ނިމޭއިރު ރައީސް ވަޢުދުވެ ވަޑައިގެންނެވިގޮތަށް ރާއްޖޭގެ ހުރިހާ ރަށެއގައި ފެނާއި ނަރުދަމާ ޤާއިމްކޮށް ނިންމަވާނެކަމަށް ވިދާޅުވިއެވެ. އެ ވަޢުދުތައް ފުއްދުމަށް އެއްވެސް ހުރަހެއް ނެތްކަމަށްވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިިއެވެ.

އިންނު މުހައްމަދު

ތިޔަ ދުވަހެއް މި ސަރުކާރުގެ ފެންނާނެ ނަމަ ކަރަންޓް ބިލް އެގޮތަށް ނަހަދާނެ ތެލުގަ އަގު އެހާ ދަށް ކޮށްފަ ހުޓާ..