ޚަބަރު

ރަށްރަށުން ގޯތި ދޫކުރުން ހުއްޓުވުމުގެ ވިސްނުމެއް ނެތް: މިނިސްޓަރ އަސްލަމް


ސަރުކާރުގެ އަމާޒަކީ ރަށްރަށުގައި ފަޅު ގޯތިތައް ހުރިކަމުގައިވީނަމަވެސް ގޯތި ބޭނުންވާ މީހުންނަށް ގޯތި ދޫކުރުން ކަމަށް ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތަކުގެ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ބޭނުންވާކަމަށާއި އެ މައްސަލައަކީވެސް ހައްލު ކުރަންޖެހޭ ކަމެއް ކަމަށެވެ. މިގޮތުން މިހާރުވެސް 14 ރަށަކުން ގޯތި ދޫކުރުމުގެ ހުއްދައަށް އެދި ހައުސިން މިނިސްޓްރީއަށް ހުށައަޅާފައިވާކަމަށާއި އެ ރަށްރަށުން އެދިފައިވާ ގޮތަށް ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ގޯތި ދޫކުރަމުންގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގޯތި ދޫކުރުމުގެ ހުއްދައަށް އެދިފައިވާ ރަށްތަކަކީ


* ހަނިމާދޫ
* ދަނބިނދޫ
* ކަނޑިތީމު
* ވެލިދޫ
* މަޑިފުށި
* ބާރަށް
* ބިލެއްފަހި
* މާމިނގިލި
* ދަރަނބޫދޫ
* މާމެންދޫ
* އިހަވަންދޫ
* އިންނަމާދޫ
* ވަންދޫ
* ކަނޑޫދޫ

"ލޭންޑް ޔޫސް ޕްލޭން ހަދާ އޭގައި ކަނޑައަޅަންޖެހޭ ކަންކަން ކަނޑައަޅާ ފާސްކޮށްފައިވާ ތަނެއް ވާނަމަ އެކަންތައްތައް އެގޮތަށް ކުރަން އެބަޖެހޭ. ލޭންޑް ޔޫސް ޕްލޭން ހަދާފައިވާ ރަށްތަކުގައި ގޯތި ދޫކުރުމުގެ ހުއްދަ މިހާރުވެސް ދީފައި ވާނެ."މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހަދާފައި ނެތް ރަށްތަކަށްވެސް އެކަން ކުރުމުން ހުއްދަ ދެވޭނެކަމަށާއި އެއްވެސް ޙާލެއްގައި ގޯތި ދިނުން ހުއްޓުވުމުގެ ވިސްނުމެއް ނެތްކަމަށެވެ. އަދި ރަށެއްގެ އާބާދީގެ ބޮޑުބައެއް ރަށުގައި ނޫޅުނުނަމަވެސް ރަށުގައު އުޅޭ ފަރާތްތަކަށް ގޯތި ލިބެންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.