އަތޮޅުތައް

ބޮޑުފޮޅުދޫ މަދަރުސާއަށް 25 އަހަރު ފުރުން ފާހަގަކޮށްފި


އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ މަދަރުސާއަށް 25 އަހަރު ފުރުން ފާހަގަކޮށްފިއެވެ. އެރަށު ސްކޫލުގައި މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް އެވެ.އއ. ބޮޑުފޮޅުދޫ މަދަރުސާއަށް 25 އަހަރު ފުރުމުގެ ރިހި ޔޫބީލް ފާހަގަކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ އަލަށް އެކުލަވާލެވުނު ޤައުމީ މަންހަޖުގެ މަގުސަދުތައް ހާސިލްކުރުމުގައި ސްކޫލުތަކާ ގުޅިގެން އެއް އަމާޒެއްގައި މަސައްކަތް ކުރުމަށް ބެލެނިވެރިންގެ ހިއްސާ ބޮޑު ކަމަށެވެ. އަދި އަލަށް އެކުލަވާ ލެވުނު މަންހަޖަކީ ބިނާކުރުވަނިވި އަސާސްތަކެއްގެ މަށްޗަށް އެކުލަވާލެވިފައިވާ މަންހަޖަކަށް ވާނެކަމަށެވެ.މި މަގްސަދު ހާސިލުކުރުމަށްޓަކާ ބެލެނިވެރިންނާއި މުދައްރިސުން އަދި ސްކޫލުތަކުގެ ވެރިން ބުރަ މަސައްކަތްތަކެއް ކުރިއެކޭ އެއްގޮތަށް ކުރަމުންދިއުމަށް މިނިސްޓަރ ގޮވާލައްވައިފައިވެއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ބޮޑުފޮޅުދޫ އަކީ ތައުލީމީ ރައްޔިތަކު ދިރިއުޅެމުންދާ ރަށަކަށް ހެދުމަށް އެ ރަށުގެ ރައްޔިތުން މީގެ ޒަމާންތަކެއްކުރިން ކުރި ބުރަ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.މި ރަސްމިއްޔާތުގައި ދަރިވަރުންނާއި މުހާބަތު ކުރައްވާ ވާހަކަ ދައްކަވަމުން ބޮޑުފޮޅުދޫ މަދަރުސާގެ  ޕްރިންސިޕަލް ފަޒީނާ ރަޝީދު ވިދާޅުވީ ދަރިވަރުންނަށް ސްކޫލަށް ކޮށްދެވޭނެ އެންމެ ބޮޑު ޚިދުމަތަކީ ރަށުފެންވަރުގައާއި އަތޮޅުފެންވަރުގައި އަދި ޤައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ރަން ވަނަތަކެއް ހާސިލްކުރުން ކަމަށެވެ.1990 ވަނަ އަހަރު ހުޅުވި ބޮޑުފޮޅުދޫ މަދަރުސާގައި ގްރޭޑް 1 އިން 10 އަކަށް ކިޔަވައިދެމުންދެއެވެ. ދެ ދަންފަޅީއަށް ކިޔަވައިދޭ މި ސުކޫލުގައި 100 އަށް ވުރެ ގިނަކުދިން ތައުލީމް ހާސިލްކުރަމުންދާ ކަމަށް ބޮޑުފޮޅުދޫ ސްކޫލުން މައުލޫމާތުދީފައިވެއެވެ.