އަތޮޅުތައް

އައްޑޫގައި އެކްސިޑެންޓްތައް މަދުކުރަން މަސައްކަތްތަކެއް ފަށަނީ


އައްޑޫ ސިޓީގެ މަގުތަކުގައި އެކްސިޑެންޓްތަށް ހިނގާ ސަބަބުތައް ދެނެގަތުމަށް ދިރާސާތަކެއް ކުރެވިފައިވާ ކަމަށާއި، އެކަން އިތުރަށް ދިރާސާކޮށް، ވީހާވެސް އަވަހަށް އެކަން ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރައްވާނެކަމަށް، އެސިޓީގައި އަލަށް ގާއިމް ކުރި ހައުސިންގ މނިސްޓްރީގެ "ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓުން ބުނެފިއެވެ.ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން، އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓް ހިންގުމާއި ހަވާލުވެ ހުންނެވި ހައުސިންގ މިނިސްޓަރުގެ ނައިބު އަބްދުﷲ ޒިޔާދު ވިދާޅުވީ، އެސިޓީގެ މަގުތަކުގައި އެކްސެޑެންޓްތައް ހިނގާ މައްސަލައަކީ ވަރަށް ކަންބޮޑުވާން ޖެހޭކަމެއް ކަމަށާއި، ގިނަ ޒުވާނުން މިފަދަ އެކްސިޑެންޓްތަކުގައި ދުނިޔެ ދޫކޮށްދާކަމަކީ ހިތާމަހުރިކަމެއްކަމަށެވެ.އޭނާ ވިދާޅުވީ، އައްޑޫގެ އެކި ރަށްރަށުގައި ހިންގާ އެކްސިޑެންޓްތަށް މަދުކުރުމަށް ފުލުހުންނާއި ސިޓީކައުންސިލާއި ގުޅިގެން ދިރާސާތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް އެމަސައްލަ ހައްލުކުރުމަށް މަގުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، ހޭލުންތެރިކުރުމުގެ ގޮތުން ސައިން ބޯޑުތަކާއި، ޒުވާނުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއްވެސް ވަރަސް އަވަހަށް ފައްޓަވާނެކަމަށް ޒިޔާދު ވިދާޅުވިއެވެ.އައްޑޫ ސިޓީގެ ޓްރެފިކް ކަންތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ، ފަހަކަށް އައިސް އެ ސިޓީގެ ރަށްރަށުގައި އެކްސިޑެންޓްތައް ގިނައިން ހިނގާފައިވަނީ، ލިންކްރޯޑުގައި ނޫންކަމަށާއި، މިހާރަކަށް އައިސް އެކްސިޑެންޓް ހިނގަނީ ސްޕީޑް ލިމިޓަށް ބެލުމެއް ނެތި ހިތަދޫ އާއި، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ ބޮޑެތި މަގުތަކުގައިކަން މިހާތަނަށް ކުރެވުނު ދިރާސާތަކުން އެނގޭކަމަށެވެ.ސަމީރު ވިދާޅުވީ، އެ ސިޓީގައި އެކްސިޑެންޓް ހިނގުން މަދުކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.މިދިޔަ ރޯދަ މަހު އައްޑޫ ސިޓީގެ މަގުތަކުގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް، ކޯން އަޅައި، ބެރިކޭޑް ބަހައްޓައިގެން އާންމުން ވެހިކަލް ދުއްވާ ސްޕީޑް ދަށްކުރުމަށް ހިންގުނު ޓްރެފިކް އޮޕްރޭޝަންގެ ނަތީޖާ ރަނގަޅުކަމަށާއި، ހިނގި އެކްސިޑެންޓްތައްވެސް މަދުކުރެވިފައިވާކަމަށް ސަމީރު ވިދާޅުވިއެވެ. މިއަހަރުގެ މިހާތަނައް އެކަނިވެސް އައްޑޫ ސިޓީގެ ގުޅިފައިވާރަށްތަކުގެ ބޮޑު މަގުތަކާއި، ލިންކް ރޯޑުގައި ހިނގި ތަފާތު އެކްސިޑެންޓްތަކުގައި 4 މީހަކު މަރުވެފައިވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ތާރު އަޅައިގެން ހެދިފައިވާ މަގުތަކުގައި 67 އެކްސިޑެންޓް ހިނގާފައިވާއިރު، މިއަހަރުގެ މިހާތަނަށް މުޅި އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓް  ތަކުގެ އަދަދު 92 އަރައެވެ.ވޭތުވެދިޔަ 2014 ވަނަ އަހަރު އައްޑޫސިޓީގެ އެކި ރަށްރަށުގައި 112 އެކްސިޑެންޓް ހިނގައި، ބައެއް އެކްސިޑެންޓް ތަކުގައި އަނިޔާވުމުގެ ސަބަބުން ފަރުވާ ދެމުންދަނިކޮށް 5 މީހަކު މަރުވެފައިވެއެވެ.