ކުޅިވަރު

އަހަރުމެން މޮޅުވަނީ ރެފްރީންގެ އެހީގައެއްނޫން: ޒިދާން


ރެއާލް މެޑްރިޑް މިސީޒަނުގައި މޮޅުވަމުން އަންނަނީ ރެފްރީގެ ސަބަބުން ކަމަށް ބުނާ ވާހަކަތައް އަޑުއަހައި މިހާރު ވަރުބަލިވެއްޖެކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

އޭނާ މިހެން ބުނީ ރޭ ސްޕެނިޝް ލީގުގައި އެތްލެޓިކް ކުލަބު އަތުން 1-0 އިން މޮޅުވި މެޗާއެކު އަމާޒުވި ފާޑުކިއުންތަކާ ގުޅިގެންނެވެ. މެޗުގައި ރެއާލް މޮޅުވީ ވީއޭއާރު ބަލައިގެން ދިން ޕެނަލްޓީއަކުންނެވެ.

ޒިދާން ބުނީ މި ސީޒަނުގައި ގިނަ ޕެނަލްޓީތަކެއް އޭނާގެ ޓީމަށް ލިބިފައިވާކަން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެއީ ރެފްރީން ހެޔޮހިތުންދޭ އެއްޗެއްނޫން ކަމަށް ޒިދާން ބުންޏެވެ. އެއީ ކުޅުންތެރިން ކުރާ ބުރަ މަސައްކަތުގެ ސަބަބުން ހާސިލްކުރެވޭ ކަމެއް ކަމަށާއި ރެއާލް މެޑްރިޑް ގޯލް ޖަހަން ކުރާ މަސައްކަތް ފާޑުކިޔާ މީހުންނަށް ނުފެންނަ ކަމަށެވެ. ޒިދާން ބުނީ ލީގުގައި ބާކި ފަސް މެޗު އޮތްއިރު ހަތަރު ޕޮއިންޓްގެ ލީޑެއްގައި އޮތް ނަމަވެސް ދޫނުދޭނެ ކަމަށެވެ.

"މެތެމެޓިކަލީ އަހަރުމެންނަށް ތަށީ ޔަގީންވަންދެން ދޫނުކުރާނަން. ކޮންމެ މެޗަކީ ވެސް އަހަރުމެންނަށް ފައިނަލެއް. އެގޮތަށް ކުޅުންތެރިންގެ ވެސް ވިސްނުންހުރީ،" ޒިދާން ބުންޏެވެ.

ކުރިއަށް އޮތް މެޗަށް ކެޕްޓަން ސާޖިއޯ ރާމޯސް އާއި ކަވަހާލް ސަސްޕެންޑްވެފައިވީ ނަމަވެސް އެ މެޗަށް ވެސް ވަރުގަދަ ޓީމެއް ނެރޭނެ ކަމަށް ޒިދާން ބުންޏެވެ.

ލީގުގަގެ ދެ ވަނާގައިވާ ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނީ އެންމެ ފަގު ވަގުތާ ހަމައަށް ވެސް ބާސެލޯނާއިން ތަށި ދިފާއުކުރަން މަސައްކަތް ކުރާނެ ކަމަށާއި ބާސެލޯނާއަކީ ދޫދޭނެ ޓީމެއްނޫން ކަމަށެވެ.