ޚަބަރު

ކޯވިޑް-19: ފިޔަވަތީގެ މުވައްޒަފަކު ޕޮޒިޓިވްވެ 21 ކުއްޖަކު ކަރަންޓީންކޮށްފި


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިހުންނަ މަރުކަޒު "ފިޔަވަތި"ގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ އެ ސެންޓަރުން ޕޮޒިޓިވްވެފައިވާ މީހަކީ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮތް ބަލި މީހެއްގެ އާއިލާގެ މެންބަރެއް ކަމަށެވެ.

މިއާއެކު ފިޔަވަތިން އެ ސެންޓަރުގެ 11 މުވައްޒަފަކާއި 21 ކުއްޖަކު ފިޔަވަތީގައި ކަރަންޓީންކޮށްފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ. ކަރަންޓީންކުރި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 6 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު 150 ކުޑަ ކުދިން ތިބިއިރު، އޭގެތެރެއިން 12 އަހަރުން ދަށުގެ ސަތޭކައެއްހާ ކުދިން ބަލަހައްޓަމުންދަނީ ފިޔަވަތީގައެވެ.