ޚަބަރު

ސަޢުދީ ޢަރަބިއްޔާއިން ރާއްޖޭގެ މަސްވެރިކަމާއި ގެދޮރުވެރިކަމަށް 50 މިލިއަން ޑޮލަރު ދެނީ


ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކާއި، މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމު މަސައްކަތަށް 771 މިލިއަން ރުފިޔާގެ އެހީ ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ދިނުމާބެހޭ އެއްބަސްވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ސޮއިކުރައްވައިފިއެވެ.

މި ދެ މަޝްރޫޢާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޝާހިދު ސޮއިކުރެއްވީ މިކަމަށްޓަކައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި އެއްބަސްވުންތަކާއެކު ދެޤައުމުގެ ދެމެދުގައިއޮތް ގާތްގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ. އަދި ސަޢޫދީން މި އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ ކޮވިޑް-19އާ ގުޅިގެން އިޤްތިޞާދަށް ދިމާވި ހީނަރުކަމާއެކު، ބޭރުގެ މާލީ އެހީތެރިކަމަށް ދިވެހިރާއްޖެއިން ބޭނުންވެފައިވާ ދަނޑިވަޅެއްގައިކަމަށެވެ.

މި އެހީއާއެކު މަސްވެރިކަމުގެ ސިނާޢަތު ކުރިއަރުވައި، އަތްފޯރާ އަގެއްގައި ދިވެހިންނަށް ބޯހިޔާވެހިކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ސަޢޫދީ އަރަބިއްޔާއަކީ އަބަދުވެސް ރާއްޖޭގައި ހިންގަމުން އަންނަ އުމްރާނީ ބޮޑެތި މަޝްރޫޢުތަކަށް އެހީވާ ޤައުމެއްކަން ފާހަގަކުރައްވައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި، ހުޅުމާލޭ ދެވަނަ ފިޔަވަހި މިސާލެއްގެ ގޮތުގައި މިނިސްޓަރ ނެންގެވިއެވެ.

އަދި ސަޢޫދީއިން އަބަދުވެސް ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސަޢޫދީ ރަސްގެފާނު، ދެ ޙަރަމްގެ ޚާދިމް ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސަޢޫދާއި، ސަޢޫދީ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްއާއި ދިވެހި ސަރުކާރާ ރައްޔިތުންގެ ފަރާތުން މނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫޢަށް 25 މިލިއަން ޑޮލަރު އަދި މަސްވެރިކަން ތަރައްޤީކުރުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިގެން ދާނެއެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ހިންގާ ސޯޝަލް ހައުސިންގ ޕްރޮޖެކްޓުން 2700 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށާއި، މަސްވެރިކަމުގެ ސިނާޢަތުގައި ހިންގާ މަޝްރޫޢުން މަސްވެރިކަމާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ 25000 ދިވެހިންނަށް އެކަމުގެ ސަބަބުން ފައިދާވެގެންދާނެކަމަށް މިނިސްޓަރ ޝާހިދު މިއަދު ފާހަގަކުރެއްވިއެވެ.