ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވެ މުޅިން ނެތިދަނީ!


އިހުޒަމާނުގައި ދިވެހިން އާއްމު ކެއުމެއްގެ ގޮތުގައި ބޭނުންކުރި ކަނޑުލަކީ، މިހާރު ރާއްޖޭގައި ބައެއް ރަށްރަށުގައި އެއްގޮތަކަށްވެސް ނުލިބޭ ތަދު އެއްޗެކެވެ. އެކި ސަބަބުތަކާއި ހުރެ ކަނޑޫފާތަށް ރާއްޖޭގައި ދަނީ ނެތެމުންނެވެ. އެހެން ކަމުން ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަންތަނުގެ ތެރޭގައި ކަނޑުފާތައް ހިމެނޭއިރު ހދ ނޭކުރެންދޫ ކަނޑޫފަލަކީވެސް ހިމާޔަތްކޮށްފައިވާ ތަކެކެވެ.

ދިވެހިރާއްޖޭގައި އޮތް މިފަދަ އެންމެ ބޮޑު ކަނޑޫފަލަކީ ހދ.ނޭކުރެންދޫ ކަނޑޫފަލެވެ. 168ހެކްޓަރު ބޮޑު ނޭކުރެންދޫގައި މީހުން ދިރިއުޅެނީ ނިސްބަތުން ރަށުގެ ކުޑަ ސަރަހައްދެއްގައެވެ. މި ރަށަށް މީހުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓެނީވެސް ރަށުގެ ޙިމާޔަތްކޮށްފައިވާ ބޮޑު ކަނޑޫފާގެ ސަބަބުންނެވެ.

އެރަށު ކުޅި ސަރަޙައްދުގައި ކަނޑުލާއި، އާއްމުކޮށް ރަށްރަށުން ނުފެނަންފަދަ އެތަށް ގަސްގަހާއި ގެއްސާއި ދިރުންތައް ހިމެނެއެވެ. ނަމަވެސް ނޭކުރެންދޫ ކުޅީ ސަރަޙާއްދު އެކަމަކަށްޓަކައި މުޅި ރާއްޖެއަށް މަޝްހޫރުވެފައިވަނީ ރަށުގެ ހިތްގައިމު ކަނޑޫފާ ސަރަޙައްދުގެ ސަބަބުންނެވެ. މިއީ މުޅި ރައްޖޭގައިވެސް އޮތް އެންމެ ބޮޑު ކަނޑޫފަލެވެ. ދުނިޔޭގެ ދިހަވަނައަށް އެންމެ ބޮޑު ކަނޑޫފަލެވެ.

ގުދުރަތީ މި މާޙައުލު ބެލެހެއްޓުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީވެސް ގުދުތަރީ ނިޒާމެވެ. މީގެ ކުރިން އެސަރަހައްދު ފެންނަނީ ފެހިކަން ގަދަ ގުދުރަތީ ރީތި ތަނެއްގެ ގޮތުގައެވެ.

ރަށުގެ ޙިމާޔަތްކޮށްފައިވާ ކަނޑޫފާ ސަރަޙައްދުން ދާދިފަހުން ވަނީ އާދަޔާއި ޚިލާފަށް ގިނަ ކަންތައްތަކެއް ފާހަގަވާން ފަށާފައެވެ. 5 މަހެއްހާ ދުވަސް ކުރިންފެށިގެން ކަނޑޫފާ ސަރަޙައްދުން ބައެއް ގަސްތައް ހިކިގަސްތައް މަރުވާން ފެށިއެވެ.

ރަށު ކައުންސިލުން ބުނެފައި ވަނީ ރަށުގެ ކަނޑޫފަލަށް ބަދަލުތަކެއް އަންނަން ފަށާފައިވާކަން ފާހަގަވެފައިވަނީ މީގެ 5 މަސް ކުރިންކަމަށެވެ. މަޑުމަޑުން ކަނޑޫ ގަސްތައް މަރުވެ، އެ މާޙައުލަށް ވަނީ ބޮޑެތި ގެއްލުންތަކެއްވާން ފަށާފައެވެ. އާދަޔާއި ޚިލާފު މި ބަދަލުގައި މަރުވަމުން ދަނީ އެސަރަހައްދުގެ ކަނޑޫ ގަސްތައް އެކަންޏެވެ.

ކައުންސިލުން ބުނެފައިވަނީ ރަށުގެ ކަނޑޫފަޅުލުގެ ގަސްތައް މަރުވެ، ކަނޑޫފަލުގެ ތިންބައިކުޅަ ދެބައި ގަސްތައް މިހާރު މުޅިން މަރުވެފައިވާ ކަމަށެވެ.

މަތިން ނަގާފައިވާ އޭރިއަލް ފޮޓޯތަކުން ފެންނަނީ ހިތާމަވެރި މަންޒަރެެވެ. ފެހި ގަސްތަކުގެ ތެރެއިން ފެންނަން ހުރީ މަރުވެ ހިކިފައިވާ ކަނޑޫފަލުގެ ގަސްތަކެވެ. ގަދަ ފެހި ކުލައިގެ ގަސްތަކުގެ ތެރެއިން ފެންނަ އަޅި ދުންތަކެއް ފަދައިން މަރުވެފައިވާ ކަނޑޫ ގަސްތަކެވެ. މިހާތަނަށް އައިއިރުވެސް ކަނޑޫފަލަށް މި އަންނަމުންދާ ބަދަލު ދެނެގަނެވިފައެއް ނުވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މުޅިން ނެތި ހިނގައިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

ރަށު ކައުންސިލުން ބުނެފައިވަނީ މިކަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ. އަދި މިނިސްޓްރީގެ ޓީމެއް މިހާރު އެރަށަށް އައުމުގެ މަގުމަތީގައިވާކަމަށެވެ.

ކައުންސިލުން ބުނެފައިވަނީ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ "ސޭވް މޯލްޑިވްސް" ކިޔާ ޖަމިއްޔާއަކާއި ގުޅިގެން، ކަނޑޫފަލަށް އަންނަ ބަދަލުތަށް ދެނެގަތުމަށް މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ޖަމިއްޔާގެ ޓީމެއް ރަށަށް އައިސް ކަނޑޫފަލުން ޓެސްޓުކުރުމަށް ބައެއް ސާމްޕަލްތައް ނަގާފައިވާކަމަށެވެ. އެގޮތުން ޗަސްބިންތަކުން ފެން ނަގައިގެންނާއި، އެ ސަރަޙައްދުން ފެންނަމުންދާ ފަންޏެއްވެސް ޓެސްޓްކުރުމަށް ސާމްޕަލް ނަގާފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ކަނޑޫ މިހާރު ކެއުމަށް ބޭނުން ނުކުރިނަމަވެސް މި ކަނޑޫ ފަލަކީ، ނޭކުރެންދޫގެ ފަޚުރެވެ. މިއީ ދުނިޔޭގެ ނިސްބަތުން 10ވަނައަށް އެންމެ ބޮޑު ކަނޑޫފަލެވެ. ރަށު ކައުންސިލުން ބުނީ ބައެއް ފަރާތްތަކުން މިހާރުވެސް ކަނޑޫފަލުން ކަނޑޫ ހޮވައި ކެއުމަށް ބޭނުން ކުރާ ކަމަށެވެ.