ޚަބަރު

ބޮޑު ފިނޮޅުގެ މައްސަލަ ކުރިންވެސް ފުލުހުންނަށް އެނގޭ، ހަމަނުޖެހުން ހިނގާތާ އެތައް ދުވަހެއް


ބ.އަތޮޅު ބޮޑުފިނޮޅުގައި މަސައްކަތްކުރަން ގެނެސްފައި ތިބި ބިދޭސީންނަށް މުސާރަ ނުދޭތާ 6 މަސްދުވަސް ވެއްޖެއެވެ. މިއީ މީގެކުރިންވެސް އެތައްބަޔަކަށް އެނގޭ ބޮޑު ސިއްރެކެވެ. މިކަން މީޑިޔާތަކަށް ފެންމަތިވެގެން މިއައީ މުސާރައިގެ މައްސަލާގައި ހިންގަމުންއައި ހަމަނުޖެހުން، އެންމެފަހުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވި ހިސާބުންނެވެ.

މުސާރަނުދީ ބަޔަކުލައްވައި މައްސައްކަތްކުރުވައި އެގޮތަށް މީހުން ގެންގުޅުމަކީ ޤާނޫނު ހުއްދަ ކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް ބޮޑުފިނޮޅުގައި މުސާރަ ނުދީ މީހުން ގެންގުޅޭކަން އެނގޭ އެތައްބަޔަކު އެބަތިއްބެވެ. އެކަން އަޅުގަނޑަށް އެނގުނީ ބޮޑު ފިނޮޅުގައި ފަހުން މިހިނގި ބޮޑު ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަން ކަވަރކުރަން ބ.އޭދަފުށީގައި ހޭދަކުރި ވަގުތުތަކުގައި ބައެއް މީހުންނާ ދެކެވުނު ވާހަކަތަކުންނެވެ.

މުސާރަ ނުދޭތީ ބޮޑު ފިނޮޅުގައި ތިބި ބިދޭސިން މީގެކުރިން ހިންގި ހަމަނުޖެހުތައް ކޮންޓްރޯލްކުރަން ފުލުހުން އެތައް ފަހަރަކު އެރަށަށް ގޮސްފައިވާކަން ފުލުހުންގެ ބައެއް އޮފިސަރުންގެ ފަރާތުން އެނގުނެވެ. އެއިން ކޮންމެ ފަހަރަކުވެސް ފަހުން މިހިނގިފަދަ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވުމުގެ ކުރިން ފުލުހުން ވަނީ ހުއްޓުވާފައެވެ. މިގޮތަށް އެންމެ ގިނައިން ބޮޑު ފިނޮޅަށް ގޮސްފައިވަނީ ބ.އޭދަފުށީގައި ތިބޭ ފުލުހުންނެވެ. އެހެންވެ މުސާރަ ނުދީ އެރަށުގައި ބިދޭސީން ގެންގުޅޭކަމާއި އެމީހުންގެ ކަންބޮޑުވުމާއި، އެތައްފަހަރަކު ކުދިކުދި ހަމަ ނުޖެހުންތައް ހިންގަމުން އައިކަން އެންމެބޮޑަށް ދެނެތިބި ބަޔަކަށް ފުލުހުންވާނެއެވެ.

މުސާރަ ނުދީގެން ބޮޑުފިނޮޅުގައި ހިންގި ބޮޑު ހަމަ ނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުނަށް މިހާރު ޖިނާއީ ބޮޑެތި ތުހްމަތަކެއް ކުރެވޭއިރު ޣައިރުޤާނޫނީ އެ ޢަމަލުތަކަށް އެމީހުން އަރައިގަތީ އެމީހުން އެތައް ދުވަހެއްވަންދެންކުރި ބުރަ މަސައްކަތުގެ އުޖޫރަ ނުލިބިގެން އެތައްފަހަކު ކުރި އިހްތިޖާޖުތައް ނާކާމިޔާބުވުމުންނެވެ.

މީގެ ކުރިންވެސް މި މައްސަލައިގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އެރަށަށް ފުލުހުން ގޮސްފައިވާއިރު އެފަދަ ކޮންމެ ފަހަރަކުވެސް އެކަން ދެމިއޮންނަނީ ކުޑަ ދުވަސްކޮޅަކަށެވެ. އެގޮތުން ކޮންމެ މަހަކުވެސް މުސާރަ ނުދީ އެކަން ތަކުރާރުވާ ކޮންމެ ފަހަރަކު އެ މައްސަލަ ބޮޑުވެ އެކަން ހައްލުކުރަން ފުލުހުން ގޮސްފައިވާކަން ފުލުހުންގެ ބައެއް އޮފިސަރުންގެ ފަރާތުން އެނގުނެވެ.

އޭގެތެރެއިން އެއް ފަހަރަކު ބޮޑުފިނޮޅުގައި މުސާރަ ނުދީ ހިނގި ހަމަނުޖެހުމެއްގައި އެއް ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައިވެއެވެ. އެއީ މިދިޔަ ރޯދަ މަހުގެ ތެރޭގައި ހިނގިކަމެކެވެ.

މުސާރަ ނުދޭ މައްސަލާގައި ބޮޑުފިނޮޅުގައި ހިނގަމުން އައިސްފައިވާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް، އެރަށުގައި ބިދޭސީން ގެންގުޅޭ "ރިޒް ޕްރައިވެޓް ލިމިޓެޑް" ފުންފުންޏާއި އެރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ އެރަށުގެ ވެރިފަރާތް ކަމަށްވާ "ސީލް މޯލްޑިވްސް" ކުންފުންޏާވެސް ފުލުހުން މީގެކުރިން ވާހަކަ ދައްކާފައިވެއެވެ. ނަމަވެސް ބިދޭސީންގެ ހަމަނުޖެހުންތަކާ ގުޅިގެން އެމީހުނަށް މުސާރަ ދޭނެ ކަމަށްބުނެ އެތައް ތާރީޚެއް މީގެކުރިން ދިންކަންވެސް ވަނީ އެނގިފައެވެ.

ބިދޭސީންގެ ރުޅިގަނޑު ފަޅައިގެންގޮސް ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގެންފައިވަނީ އެމީހުންނަށް ޙައްގުވާ މުސާރަ ނުދީ އެތައް މަހެއްވެގެން ގޮސްފައިވާއިރު، އެކަމާ ދެކޮޅަށް ކުރަމުންއައި އިހުތިޖާޖަށް އެދެވޭ ހައްލެއް ނުލިބި އެތައް މަހެއް ފާއިތުވެގެން ދިއުމުންނެވެ.