ޚަބަރު

ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފި


ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ފެނުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

6 މީހުންނާއެކު މ.އަތޮޅުގެ އިރުމަތީ ފަރާތުން، 37 ނޯޓިކަލް މޭލު ބޭރުން އެ ބޯޓު، މަސްވެރިކަން ކުރަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވަނީ އެސަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ "އަސަރީ" އަދި ''އަސުރުމާ 02'' ދޯނިންކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޤައުމީ ދިފާޢީ ބާރުން ވަނީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް މިމަހުގެ 3 ވަނަ ދުވަހު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓެސެޕްޓް ކްރާފްޓްގެ އެހީތެރިކަމާއެކު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ހާމަކޮށްފައެވެ.

މި ބޯޓު ރާއްޖޭގެ އިޤްތިސޯދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މައްސަލަ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިހާރުދަނީ ތަހުޤީޤުކުރަމުންނެވެ.

އެމްއެންޑީއެފުންވަނީ މި މައްސަލަ ރިޕޯޓްކުރި ފަރާތްތަކަށާއި އަދި މިފަދަ ކަންކަމުގައި ދިވެހި މަސްވެރިން ދެއްވާ އެއްބާރުލުމާ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.