ޚަބަރު

ބްލެކްމެއިލްކޮށް ކުޑަކުއްޖަކު ރޭޕްކުރި މައްސަލައެއްގައި އެކަކު ހައްޔަރުކޮށްފި


އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް ރޭޕްކުރި މައްސަަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ، މިޔަވާލި، ޢުމުރުން 33 އަހަރުގެ ޙުސައިން ޒާހިނުކަމަށެވެ.

އޭނާ ހައްޔަރުކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކު ރޭޕްކޮށް ޖިންސީގޯނާ ކޮށްފައިވާ ކަމުގެ ތުހްމަތުގައެވެ. ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޮޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އޭނާ މިއަދު ހައްޔަރުކޮށްފައިވާކަން ފުލުހުން ޔަގީންކޮށްދެއްވައެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްްގެ ދަށުންނެވެ. މި މައްސަލަ ފުލުހުން ތަހްގީގުކުރަމުންދާ ކަމަށް އެފަރާތުން ވިދާޅުވެއެވެ.

ނުކުޅެދުންތެރިކަން ހުރި ޢުމުރުން 18 އަހަރު ނުވާ ކުއްޖަކު ރޭޕްކޮށް އެކުއްޖާ ބަނޑުބޮޑުވި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހުވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ތުހްމަތުކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.