ޚަބަރު

ޖޫން މަހުގެ ކަރަންޓު ބިލުން %40 ޑިސްކައުންޓް ދޭން ފެނަކައިންވެސް ނިންމައިފި


އަތޮޅުތަކުގެ ގިނަރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޯށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުންވެސް ޖޫން މަހުގެ ކަރަންޓް ބިލުން %40 ޑިސްކައުންޓް ދިނުމަށް ނިންމަވައިފިއެވެ.

އެކުންފުނިން މިގޮތަށް ނިންމާފައިމިވަނީ މިދިޔަ މަހުގެ ކަރަންޓް ބިލު މާލެ ސަރަޙައްދުގައި އިންތިހާއަށް ބޮޑުކަމަކަށް ބުނެ ޢާންމުން ކަންބޮޑުވުން ފާޅުކުރުމުން، ޖޫން މަހުގެ ކަރަންޓް ބިލުންވެސް %40 ޑިސްކައުންޓްދޭން ސްޓެލްކޯއިން ނިންމަވާފައިވަނިކޮށެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ ޖޫން މަހުގެ ކަރަންޓް ބިލުން %40 ޑިސްކައުންޓް ފެނަކައިގެ ކަސްޓަމުންރަށްވެސް ދެއްވަން ސަރުކާރުން ނިންމަވާފައިވާކަަމާށެވެ. ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ދަށަށް ގޮސްފައިވަތީ ސަރުކާރުންވަނީ އޭޕްރިލް މަހާއި މެއި މަހުގެ ކަރަންޓު ބިލުން %40 އުނިކުރުމަށް ނިންމާފައެވެ. އަދި ފެން ބިލުން %30 އުނިކުރުމަށްވެސްވަނީ ނިންމަވާފައެވެ.

އަދި ކޯވިޑް-19ގެ މިޙާލަތުގައި މާލީ ޙާލަތު ދަށްވެގެން ބިލު ނުދެއްކިނަމަވެސް ކަރަންޓުގެ ޚިދުމަތް އެއްވެސް ގޭބީސީއަކުން ކަނޑާނުލާނެކަމަށް ފެނަކައާއި ސްޓެލްކޯއިންވެސް ވަނީ ވިދާޅުވެފައެވެ.

ފެނަކަ ކޯޕަރޭޝަނުންދަނީ އަތޮޅުތަކުގެ 150 ރަށަކަށް ކަރަންޓްގެ ޚިދުމަތް ދެއްވަމުންނެވެ.