ޚަބަރު

ބޮޑުފިނޮޅު ހަމަނުޖެހުން: ބިދޭސީންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމާއެކު ގިނަ ތުހުމަތުތަކެއް


ބ.ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކަކީ ފަހުގެ ތާރީހެއްގައި ބިދޭސީންތަކެއް ހިންގި އެންމެ ބޮޑުއެއް ހަމަނުޖެހުމެވެ.

މިމަހުގެ ދެ ވަނަ ދުވަހު ހިނގާދިޔަ ހަމަ ނުޖެހުންތައް ކޮންޓްރޯލްކުރުމަށް އެރެއިން އެރެއަށްވެސް ފުލުހުން މަސައްކަތް ފެށިއެވެ. އެހެންނަމަވެސް ދިވެހިންތަކެއް ރަހީނުކޮށްގެން ތިބި ބިދޭސީން ތިބި ރަށަށް އަރާ އެ މައްސަލަ ހައްލުކުރުމަށް ފުރަތަމަ ދިޔަ ފުލުހުންގެ ޓީމް ރަށަާއި ގާތްކުރުމުން ދަނގަޑާއި ގަލުން ފުލުހުންނަށް ވަނީ ހަމާލާދީފައެވެ. މާލެއިން ބައެއް ފުލުހުން ގޮސް ހިނގި ހާއްސަ އޮޕަރޭޝަނެއް ހިންގައި 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހުހެ ހެނދުނުއެވެ.

ބ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ރަށުން ހައްޔަރުކުރި މި އެންމެންވެސް ހާޒިރުކުރީ އޭދަފުށީ ކޯޓަށެވެ. މި މީހުންގެ ބަންދާއި މެދުގޮތެއް ނިންމުމަށް މިއަދު ބޭއްވި ބަންދުގެ މަޖިލީހަށް މި އެންމެން އެއްކޮށް ގެންދިޔަަނަމަވެސް ކޯޓްރޫމް ކުޑަކަމުން ޝަރީއަތުގެ މަޖިލީހަށް ވައްދަދާފައިވަނީ ފަހަރަކު ފަސް މީހުންނެވެ. މި މީހުންގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ.

މި އެންމެންވެސް މިއަދު ކޯޓަށް ހާޒިރުކޮށް ފުލުހުން ވަނީ ގިނަ ކުށްތަކެއްގެ ތުހުމަތުތަކެއް މިމީހުންގެ މައްޗަށް އުފުލާފައެވެ. އޭގެތެރޭގައި ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކުށްތައް ވެސް ހިމެނެއެވެ.

ބަންދުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ފުލުހުން ވިދާޅުވީ ރިޒް ޕްރައިވެޓް ލިިމިޓެޑް ކުފުންފުނީގައި މަސައްކަތްކުރާ 190 ބިދޭސީނަށް މުސާރަ ނުލިބޭކަމަށް ބުނެ އެކަމުގެ ރުޅިވެރިކަމުގައި ގެއްލުން ދީފައިވަނީ އެރަށުގައި ހުރި ސީލް މޯލްޑިވްސް ކުންފުނީގެ މުދަލަށްކަމަށެވެ.

ރަށުގައި ހުރި ބައެއް ތަކެއްޗާއި ތަންތަނަށް ގެއްލުން ދިނުމުގެ އިތުރުން އެރަށުގައި މަސައްކަތްކުރި ދިވެހިންގެ ބަޔަކު ރަހީނުކޮށް އެކަން ހުއްޓުވަންދިޔަ ފުލުހުންނާ މާރާމާރީ ހިންގާފައިކަމަށްވެސް ފުލުހުންގެ ތުހުމަތުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން އެރަށުގައި ހުރި އޮފީސް ފަޅާލާ އެތަނުގައި ހުރި ފައިސާ ވަގަށް ނަގާފައިވާކަމަށް ފުލުހުންގެ ތަހުޤީގު ބަޔާނުގައިވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ބަައެއް މީހުންގެ މައްޗަށް ކުރަނީ މުދަލަށް ގެއްލުންދިނުމުގެ ކުށާއި އެއްޗެއް ނުވަތަ ތަނެއް ފާނާކުރުމުގެ ކުށުގެ ތުހުމަތެވެ. އަދި މި މީހުންގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ތުހުމަތުވެސް ފުލުހުން ވަނީ އުފުލާފައިއެވެ.

ފުލުހުންނާ މާރާމާރީ ހިންގުމާ ގުޅިގެން ހައްޔަރު ކުރި 19 މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ޓެރަރިޒަމް ހުއްޓުވުމާއި ޓެރަރިޒަމަށް ފައިނޭސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ބިރުވެރިކަން އުފައްދާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތުވެސް ފުލުހުންވަނީ އުފުލާފައެވެ. އަދި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމާއި އާއްމު މަސްލަހަތު ގެއްލުވާލުމާއި މުޖްތަމައަށް ނުރައްކާ ކުރުމުގެ ކުށުގެ ތުހުމަތުތައްވެސް އެމީހުންގެ މައްޗަށް ކުރެއެވެ.

ބަންގަލްދޭސް ތަރުޖާމާނެއްގެ އެހީގައި ކުރިޔަށް ގެންދިޔަ މަޖިލީހުގައި ފުލުހުން ކުރު ތުހުމަތުތަކުގެ ތެރެއިން ފުލުހުންނަށް ހަމަލާދިންކަމަށް ބުނާ ބުނުމަށް ހުރިހާ ބިދޭސީން އެކުށަށް ވަނީ އިންކާރުކޮށްފައެވެ. އެހެންނަމަވެސް
ތަންތަނާއި ތަކެއްޗަށް ގެއްލުން ދިންކަމަށް ބައެއް މީހުން ވަނީ އެއްބަސްވެފައެވެ.

މި މައްސަލާގެ ތަހުޤީގަށް 15 ދުވަސް ބަންދަށް އިތުރުކޮށްދިނުމަށް ފުލުހުން ވަނީ ކޯޓްގައި އެދިފައެވެ. އަދި ޝަރީއަތުން ވަނީ މި އެންމެންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.

ބޮޑު ފިނޮޅަކީ ސީލް މޯލްޑިވްސް އިން ތަރައްޤީކުރަމުން އަންނަ ރިސޯޓްކެވެ. އެރަށުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރިޒް ޕްރައިވެޓް ލިމިޓެޑާއިއެވެ. މުސާރައިގެ މައްސަލާގައި މުސާރަ ނުދެވުނީ ފައިސާ ނެތިގެންކަމަށް ފުރަތަމަ ބުނި ނަމަވެސް އެ ކުންފުނީގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސައްކަތް ކުރާ މުވައްޒަފުންނަނަށް މުސާރަ ދިނުމަކީ ސީލް މޯލްޑިވްސްގެ ކުރަންޖެހޭ ކަމެއްކަމަށެވެ. މި ވާހަކަތަކަށް ރައްދުދީ ސީލް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޒް ކުންފުންޏަށް ފައިސާ ނުދޭކަމަށް ބުނާ ބުނުމަކީ ދޮގެއްކަމަށެވެ. އަދި އެއްބަސްވުމުގެ އިތުރަށްވެސް ފައިސާދީފައިވާކަމަށް ސީލް މޯލްޑިވްސް އިން ބުނެއެވެ.

ބޮޑު ފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދޭތާ އެތައް މަހެއްވެފައިވާކަމަށް އެމީހުން ބުނާއިރު އެރަށުގައި މަސައްކަތްކުރާ ދިވެހިންވެސް ބުނަނީ އެމީހުނަށްވެސް މުސާރަ ނުދޭތާ 7 މަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ.