ޚަބަރު

ބޮޑުފިނޮޅު ހަމަަނުޖެހުން: މުސާރަދޭން އާދޭސްކުރީމާ ބިރުދައްކައި މަރުގެ އިންޒާރުދިން - ބިދޭސީން


ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި ބިދޭސީން ހަމަނުޖެހުންތައް ހިނގަން މެދުވެރިވި ސަބަބުތައް ކޯޓުގައި ކިޔައިދީފިއެވެ.

އިއްޔެ ހައްޔަރުކުރި 19 މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ބައެއް މީހުން ވަނީ އެމީހުންގެ ހާލަތު ކޯޓުގައި ކިޔައިދީފައެވެ.

އޭގެ ތެރެއިން އެކަކު ބުނީ ތަކެއްޗަށް ގެއްލުން ދިން ކަމަށާއި އެކަން ކުރެވުނީ މުސާރަ ނުދޭތާ 6 މަސްދުވަސްވީމަ "ބޯގޮވަައިގެން" ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނީ އާއިލާއަށް ލާރި ނުފޮނުވޭތީ އާއިލާގެ ހާލަތުވެސް ދަށްވެފައިވާ ކަމަށާއި، އާއިލާއިންވެސް ގުޅާކަމަށެވެ.

ރިޒް ޕްރައިވެޓް ލިމިޓެޑް ކުފުންޏަށް ނިސްބަތްވާ މި 19 މީހުންގެ ތެރެއިން ބައެއް މީހުން ކޯޓުގައި ދެއްކި އެހެން ވާހަތަކުގެ ތެރޭގައި މުސާރަ ހަ މަސްވަންދެން ނުދޭތީ ޝަކުވާކުރުމާއި ގުޅިގެން މުސާރަ ނުދޭނެ ކަމަށް ބުނެ އެރަށަށް ބަޔަކު ފޮނުވައިގެން އެ މީހުނަށް ބިރު ދައްކާފައިވާ ކަމުގައިވެސް ބުނެފައި ވެއެވެ. އެމީހުން ކޯޓުގައި ބުނެފައި ވަނީ މުސާރަ ނުދީ މާލެ ފޮނުވާލާނެ ކަމަށްބުނެ ބުނެ ބައެއް ދިވެހިން ބިދޭސީނަށް ބިރު ދައްކާފައިވާ ކަމަށެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުންތަކެއް ހިނގަންއުޅޭ ކަމަށް މައުލޫމާތު ލިބިގެން އެރަށަަށް ދިޔަ ފުލުހުންގެ ބަޔަކާ ހިންގި މާރާމާރީއާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އޭގެ ތެރެއިން ބިދޭސީން ވަނީ ފުލުހުނަށް ލަކުޑިބުރިއާއި ގަލާއި ދަނޑުން ހަމަލާދީފައި ކަމަށެވެ. އަދި އެރަށުގައި އޮފީހުގައި ރައްކާކޮށްފައިވާ ފައިސާ ވަގަށްނެގި ކަމަށްވެސް ފުލުހުން އެމީހުންގެ މައްޗަށް ތުހުމަތުކުރެ އެވެ. އެހެން ނަމަވެސް އެކަންކަމަށް ބިދޭސީން ވަނީ އިންކާރުކޮށްފައެވެ.

ނަމަވެސް ފުލުހުން ވަނީ އެކަން ކުރިކަން ސާބިތުކުރެވޭ ވަރަށް ތަހްގީގުކުރުމަށް ބޭނުންވާ ވީޑިއޯ ހުރި ކަމަށްބުނެ އެވެ. ފުލުހުން ބުނި ގޮތުގައި ބިދޭސީން ގެއްލުން ދީފައި ވަނީ ސީލް މޯލޑްވްސްގެ މުދަލަށެވެ.

މުސާރަނުދޭތީ ބިދޭސީންގެ ތެރޭގައި ހުރި ހިތްހަމަނުޖެހުންތަކާ ގުޅިގެން އެކަމުގައި ހައްލެއް ލިބޭތޯ ފުލުހުންވެސް އެ ކުންފުނިތަކާ މަޝްވަރާ ކުރިކަމަށް ވެސް ފުލުހުން ކޯޓުގައި ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭގޮތުން ކޯޓުގައި ފުލުހުން ތަފްސީލެއް ނުދެއެވެ.

ބޮޑު ފިނޮޅުގައި މަސައްކަތް ކުރި ބިދޭސީންގެ އިތުރުން ދިވެހީންނަށްވެސް ފާއިތުވި 6 މަސް ދުވަހުވެސް މުސާރަ ދީފައެއް ނުވެއެވެ.