އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއްކުރަން ބޭނުންނުވާކަމަށް އުތުރު ކޮރެޔާއިން ބުނެފިއެވެ.
އުތުރު ކޮރެޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ޗޯ ސޮން ހޫ ވިދާޅުވީ އެމެރިކާއާއެކު މަޝްވަރާކުރުމުގެ ބޭނުމެއް ނެތްކަމަށާއި އެމެރިކާއިން އުތުރު ކޮރެޔާއާއެކު ކުރާ މަޝްވަރާތަކާމެދު ދެކެނީ ސިޔާސީ އުކުޅެއްގެ ގޮތުގައިކަމަށެވެ. އޭނާ އެހެން ވިދާޅުވެފައިވަނީ އަވަށްޓެރި ދެކުނު ކޮރެޔާއަށް އެމެރިކާގެ ޚާއްޞަ މަންދޫބެއް ރަސްމީ ދަތުރެއްކުރައްވަން ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. އަންނަ ހަފުތާގައި އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ސްޓެފަން ބީގަން ދެކުނު ކޮރެޔާއަށް ދަތުރުކުރައްވަން ހަމަޖެހިފައިވަނީ އުތުރު ކޮރެޔާއާއެކު މަޝްވަރާ ކުރުން ލަސްވެފައިވާ މައްސަލައަށް ޙައްލެއް ހޯއްދެވުމުގެ ބޭނުމުގައެވެ.
ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕާއި އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮން އުން ބައްދަލުކުރެއްވުމަކީ މުހިންމު ކަމެކަމަށް ދެކުނު ކޮރެޔާގެ ރައީސް މޫން ޖޭއި އިންވަނީ ވިދާޅުވެފައެވެ. ނަމަވެސް ޗޯ ވިދާޅުވީ އުތުރު ކޮރެޔާއިން އެމެރިކާއާއެކު ކުރާ އެއްވެސް މަޝްވަރާއަކުން ކުރިއެރުމެއް ނުލިބޭނެކަމަށާއި އުތުރު ކޮރެޔާއިން ޢަމަލުކުރަމުންދާ އެއްވެސް ސިޔާސަތަކަށް ބަދަލެއް ނުގެންނާނެކަމަށެވެ.
އެމެރިކާގެ ރައީސްއާއި ކިމް ޖޮން އުންއާ އެންމެ ފުރަތަމަ ބައްދަލުކުރައްވާފައިވަނީ 2018ވަނަ އަހަރުގެ ތެރޭގައި ސިންގަޕޫރުގައެވެ. އޭގެ ފަހުން 2019ވަނަ އަހަރު ވިއެޓުނާމުގައި ދެ ބޭފުޅުން ބައްދަލުކުރެއްވިނަމަވެސް އުތުރު ކޮރެޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުގެ ބަދަލެއްގެ ގޮތުން އުތުރު ކޮރެޔާއިން އެދެވޭ މިންވަރަކަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލާފައިނުވާކަމަށް ޓްރަންޕު ވިދާޅުވުމުން މަޝްވަރާތައްވަނީ މެދުކެނޑިފައެވެ.
އެއަށްފަހު 2019ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ދެ ކޮރެޔާގެ ދެމެދުގައި ޙަމަލާ ބަދަލުކުރުން މަނާ ސަރަޙައްދުގައި ޓުރަންޕާއި ކިމް ބައްދަލުކުރައްވާ ދެ ޤައުމުގެ މެދުގައި މަޝްވަރާތައް އަލުން ފެށުމަށްވަނީ އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަޝްވަރާތައްވަނީ ހުއްޓުމަކަށް އައިސްފައެވެ.