މުނިފޫހިފިލުވުން

"ބެލް ބޮޓަމް"ގައި އަކްޝޭ އާއިއެކު ލީޑް ރޯލުން ވާނީ ކަޕޫރު


އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް"ގައި ބަތަލާއެއްގެ ރޯލުން ފެނިގެންދާނީ ވާނީ ކަޕޫރުކަން ހާމަކޮށްފިއެވެ.

2021 ވަނަ އަހަރުގެ ތެރޭގައި ސިނަމާތަކަށް އަންނާނެކަމަށް ބެލެވޭ މި ފިލްމަކީ ޕީރިއަޑް ގޭންގްސްޓަރ ޑްރާމާ ފިލްމެކެވެ. ޖެކީ ބަގާނީ ޕްރޮޑިއުސްކުރާ މި ފިލްމުން އަކްޝޭއާއެކު ލީޑް ރޯލުން ވާނީ ކަޕޫރަށް ފުރުޞަތުދީފައި ވާއިރު، މިއީ މި ދެތަރިން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

އަކްޝޭއާއެކު ނަގާފައިވާ ޕްރޮމޯޝަނަލް ފޮޓޯތަކެއް އިންސްޓަގްރާމުގައި ހިއްސާކުރަމުން ވާނީ ބުނެފައި ވަނީ އަކްޝޭއާއެކު ފިލްމެއްގައި މަސައްކަތް ކުރުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި، ފިލްމުގެ މަސައްކަތްތައް ފަށާނެ ދުވަހަކަށް އިންތިޒާރުކުރެވޭ ކަމަށެވެ. މި ފިލްމަކީ މިދިޔަ އަހަރު ނުކުތް ކަންނާޑާ ހިޓް ފިލްމު "ބެލް ބޮޓަމް"ގެ ހިންދީ ރީމޭކްއެކެވެ. ކަންނާޑާ ފިލްމަށްވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ. ހާއްސަކޮށް އެ ފިލްމުގައި 80ގެ އަހަރުތައް ގެނެސްދީފައިވާލެއް ފުރިހަމަ ކަމުން ގިނަ ބަޔަކު ވަނީ އެ ފިލްމަށް ތައުރީފުކޮށްފައެވެ.

"ޝުދް ދޭސީ ރޮމޭންސް"އިން 2013 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ވާނީ ކަޕޫރު އެންމެފަހުން ފެނިފައި ވަނީ ޔަޝް ރާޖު ފިލްމްސްގެ "ވޯރ"އިން ރިތިކް ރޯޝަނާއި، ޓައިގަރ ޝްރޮފާއެކުއެވެ. 2019 ވަނަ ރިލީޒްކުރި މި ފިލްމަށް ގިނަ ބައެއްގެ ތަޢުރީފު ލިބިފައިވެއެވެ. 150 ކްރޯޑް ރުޕީސްގެ ބަޖެޓަކާއެކު އުފެއްދި މި ފިލްމް ވެފައިވަނީ 2019 ވަނަ އަހަރު އެންމެ ބޮޑު ޢާމްދަނީއެއް ހޯދި ފިލްމަށެވެ. އެގޮތުން "ވޯރ"ވަނީ ބޮލީވުޑް ބޮކްސް އޮފީހުގައި 475 ކްރޯޑް ރުޕީސްގެ ޢާމްދަނީއެއް ހޯދާފައެވެ.

އަކްޝޭއާއެކު "ބެލް ބޮޓަމް"ގެ މަސައްކަތްތައް ފެށުމަށް ވާނީ ތައްޔާރުވަމުންދާއިރު، އޭނާ މިހާރުވެސް އަންނަނީ ރަންބީރު ކަޕޫރާއި، ސަންޖޭ ދަތު މުހިއްމު ރޯލުތަކުން ފެނިގެންދާ "ޝަމްޝޭރާ"ގެ މަސައްކަތް ކުރަމުންނެވެ.