ވިޔަފާރި

ނާގޯށި ތަރައްޤީކުރަން އަނެއްކާވެސް އެމްޓީޑީސީއަށް


ހދ. ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރަން އަނެއްކާވެސް މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީއާ ޙަވާލުކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ހދ. ނާގޯށި އެމްޓީޑީސީއާ ޙަވާލުކޮށްފައިވާއިރު، މިއީ ރިސޯޓެއް ތަރައްޤީކުރަން ނާގޯށި އެމްޓީޑީސީއާ ޙަވާލުކުރި 3 ވަނަ ފަހަރެވެ. ޓުއަރިޒަމް މިނިސްޓްރީން މިފަހަރު ނާގޯށި އެމްޓީޑީސީއާ ޙަވާލުކުރީ 3 އަހަރުދުވަހުގެ ތެރޭގައި އެރަށުގައި ރިސޯޓެއް އޮޕަރޭޓްކުރަން ފަށަންޖެހެއެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. އެމްޓީޑީސީ ވުޖޫދަށް އައުމަށްފަހު ސަރުކާރުން އެކުންފުންޏަށް ރިސޯޓްގެ ގޮތުގައި ތަރައްޤީކުރުމަށް ނުވަވަރަކަށް ރަށް ދީފައިވާއިރު، ހދ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދިން ނާގޯއްޓަކީ ފާހަގަކޮށްލެވޭ މަޝްރޫއުއެކެވެ. ނަމަވެސް މީގެ ކުރިން އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައެއްނުވެއެވެ.