ޚަބަރު

ފަޅުރަށްރަށް ކުއްޔަށް ދޫކުރާ އުސޫލަށް އަމަލުކުރަން ފަށައިފި


ރާއްޖޭގެ ފަޅުރަށްރަށް
ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރުމުގައި އަމަލުކުރާ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.



ފިޝަރީޒް އެންޑް
އެގްރިކަލްޗަރ މިނިސްޓްރީން އާއްމުކޮށްފައިވާ އުސޫލުގައިޥާގޮތުން ފަޅުރަށްރަށް
ކުއްޔަށް ދޫކުރެވޭނީ އެ މިނިސްޓްރީން އިއުލާންކުރުމުން
އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފަރާތަކަށެވެ. އަދި އާއްމުކޮށް އިއުލާން ނުކޮށް
ފަޅުރަށެއް ކުށްޔަށް ދޫކުރެވޭނީ ހުށަހަޅާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު
ގަބޫލުކުރެވޭ ހުށަހެޅުމެއް ހުށަހަޅާ ފަރާތްތަކަށެވެ.



އުސޫލުގައިޥާގޮތުން ޓޫރިސްޓް ރިސޯޓް ހެދުންފިޔަވާ އިގްތިސާދީ
އެކިއެކި މަސައްކަތްކުރުމަށް ފަޅުރަށްރަށާއި، އެރަށްތަކާއިއެކު ދެވޭ ފަޅުގެ
ސަރަޙައްދުގެ ކުލީގެ ގޮތުގައި އެންމެ ދަށް އަދަދަކަށް ކަނޑައަޅާފައިވަނީ އަހަރަކަށް
އަކަފޫޓަކަށް 10 ލާރިއެވެ. އަދި ފަޅު ރަށާއެކު ދެވޭ ފަޅުގެ ސަރަޙައްދަށް
ކުލީގެ ގޮތުގައި ނެގޭނެ އެންމެ ދަށް މިންގަޑަކީ އަހަރަކަށް އަކަފޫޓަކަށް 5 ލާރިއެވެ.



މީގެ އިތުރުން
ފަޅުރަށެއް ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ
ގޮތުގައި 50،000 ރުފިޔާ ހުށަހަޅަންޖެހޭކަމަށާއި ކުށްޔަށް ދޫކުރާ ފަޅުރަށް ކާމިޔާބު ކުރާ ފަރާތުން 100،000 ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓެއް
ހުށަހަޅާންޖެހޭނެކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.



މި އުސޫލުގައިޥާ
ގޮތުން ކުށްޔަށް ދޫކޮށްފައިވާ ފަޅުރަށް ދޫކޮށްފައިވާ ވާރކް ޕްލޭނާއި އެއްގޮތަށް
މަސައްކަތް ކުރިއަށްދޭތޯ ބެލުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން މޮނިޓަރކުރަމުންދާނެއެވެ.