ވިޔަފާރި

ރާއްޖެއަކީ މިސަރަހައްދުގައިވެސް އެންމެ ރައްކާތެރިކޮށް ބޯޑަރު ހުޅުވާލާ ޤައުމު


ރާއްޖެއަކީ މިސަރަހައްދުންވެސް އެންމެ ފުރަތަމަ އެންމެ ރައްކާތެރި ގޮތުގައި ބޯޑަރު ހުޅުވާލާ އެއް ޤައުމުކަމަށް ދުނިޔޭގެ ފަތުރުވެރިކަމާބެހޭ އިދާރާއިން ފާހަގަކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޤައުމީ ސަލާމަތާއި، ހާރިޖީ ގުޅުންތަކާއިބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުގައި މެންބަރުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ އެންމެފަހުން އޮތް ކޮމިޝަން އޮފް އީސްޓް އޭޝިއާ އެންޑް ޕެސިފިކް އަދި ކޮމިޝަން އޮފް ސައުތް އޭޝިއާގެ ރިޔާސަތުގައި ރާއްޖެ މްސީލް ކޮށްފައިވާކަމަށެވެ. އަދި ރާއްޖެއަކީ މިސަރަހައްދުގައިވެސް އެންމެ ފުރަތަމަ ބޯޑަރު ރައްކާތެރި ފިޔަވަޅުތަކާއިއެކު ހުޅުވާލާ އެއް ޤައުމުކަމަށް މިބައްދަލުވުމުގައި ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓްރީ ޖެނެރަލް ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖެއިން ހުޅުވާލާ ހުޅުވާލުމުގައި ސަލާމަތީ ރައްކާތެރި މާހައުލެއް ޤާއިމްކުރެވިފައިވާނެ ކަމުގެ ޔަޤީންކަން ދެން. އަޅުގަނޑުމެންގެ ޤައިޑްލައިން ހެދިފައިވަނީ ޑަބްލިއުއެޗްއޯ އާއި ޔޫއެންޑަބްލިއުޓީއޯގެ ޔުނިވާރސަލް ގައިޑްލައިންގެ މިންގަނޑުތަކާއި އެއްގޮތައް. އަދި ރާއްޖޭގައި އަޅުގަނޑުމެން ނިންމާފައިވާނީ ކޮންވީނިއަންސް އާއި ސޭފްޓީގެ ބެލެންސްއެއް ހޯދުމަށް. އެހެންވެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ސިންޕްޓޮމެޓިކް މީހުން ޓެސްޓުކުރާނެ. ރެންޑަމް ޕީސީއާރު ސާންޕްލިން ޓެސްޓުވެސް ހަދާނެ. މިކަމާބެހޭ ޑްރިލެއް މިމަހުގެ 8 ގައި އެއަރޕޯޓުގައި ކުރިޔަށްދާނެ." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށާއިރު މިއީ ފަތުރުވެރިނަންނަށް ރައްކާތެރި، ފަސޭހަ މަންޒިލަކަށް ހަދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އަދި ކޯވިޑް-19އާ ދެކޮޅަށް ކުރެވުނު މައްސައްކަތާއެކު ޤައުމުން ހޯދި ކުރިއެރުންތައް ނުގެއްލޭނެހެން ހުރިހާކަމެއް ތަރުތީބު ކޮށްފައިވާކަމުގެ ޔަޤީންކަން މެންބަރުންނަށް މިނިސްޓަރ ދެއްވިއެވެ.

ރާއްޖެގެ ބޯޑަރު އަލުން ހުޅުވާލާއިރު، ޤައުމަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީން މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ކުރަމުންދާއިރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ބޭރު ޤައުމުތަކުގައި ހުންނަ މިޝަންތަކުގެ އެހީތެރިކަން މިކަމުގައި ހޯދަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންނާއެކު ބައްދަލުކޮށް މިތަންތަން މެދުވެރިކޮށް ރާއްޖެ ހުޅުވާލުމުގެ ކަންތައްތަކުގެ ތަފްސީލް އެޤައުމުތަކަށް ހިއްސާކުރަމުންދާކަމަށެވެ. އަދި ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤްވާމީ އެއަރލައިންތަކާއިއެކުވެސް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ.

ޖުލައި 15ގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ތައްުޔާރުވަމުންދާއިރު، ފަތުރުވެރިން އަލުން ގެނައުމަށް ރާއްޖެ އިޝްތިހާރުކުރުމަށް ޓުއަރިޒަ،މް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.