ތިމާވެށި

7 ވަނަ ތްރީއާރް ފޯރަމް އޮސްޓްރޭލިއާގެ އެޑިލެއިޑްގައި


އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ 7 ވަނަ ތްރީއާރް ފޯރަމް އޮސްޓްރޭލިއާގެ އެޑިލެއިޑްގައި ބޭއްވުމަށް ކަނޑައަޅާ ރާއްޖޭގައި ބޭއްވި 6 ވަނަ ފޯރަމް ނިންމާލައިފިއެވެ. 6 ވަނަ ތްރީއާރް ފޯރަމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވީ، މި ފޯރަމްގައި ދެމެހެއްޓެނިވި ގޮތެއްގައި އަދި ހަރުދަނާ އުސޫލެއްގެ ތެރެއިން ކުނި ނައްތާލުމާގުޅޭ ގޮތުން ސަރަހައްދީ ޤައުމުތަކުގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުން ކޮންމެހެން ކުރުން މުހިއްމު ކަމެއް ކަމަށް މިނިސްޓަރ ޠާރިޤު ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ތްރީއާރް ފޯރަމްގެ ކޯ ހޯސްޓަރުން ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ސެންޓަރ ފޮރ ރީޖަނަލް ޑިވަލޮޕްމަންޓް، ޔޫ.އެން.ސީ.އާރ.ޑީއާއި، ޖަޕާން ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި މަންދޫބުން ވަނީ ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާ ވާހަކައްދަކަވާފައެވެ. އެގޮތުން ޤައުމީ ތްރީއާރް ދުވަހުގެ ގޮތުގައި ދުވަހެއް ކަނޑައަޅާ، ތްރީއާރް ނުވަތަ ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ 99 ރިސޯޓަކުން ސޮއިކުރި ކުރުން ރަމްޒުކޮށްދެނީ ރާއްޖޭއިން މިފަދަ ކަންކަމަށް ދޭ އަޙައްމިއްޔަތުކަން އެބޭފުޅުންގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުގައި ހިމެނޭ ޤައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ތްރީއާރް ފޯރަމަކީ، ޔޫ.އެން.ސީ.އާރ.ޑީއާއި، ޖަޕާން ސަރުކާރުގެ އެހީގައި ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ. ތްރީއާރް ރަމްޒުކޮށްދެނީ "ރެޑިޔުސް، ރީޔޫސް އަދި ރިސައިކަލް" މި ތިން ކަންތަކެވެ. ތްރީއާރް ފޯރަމާއި ގުޅުވައިގެން ކޮންމެ އަހަރެއްގެވެސް އޯގަސްޓް މަހުގެ 16 ވަނަ ދުވަހަކީ، ޤައުމީ ތްރީއާރް ދުވަހުގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. މިފަހަރުގެ ފޯރަމްގައި 33 ޤައުމަކުން 250 ވުރެގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 70 އަށްވުރެ ގިނަ އަމިއްލަ ޖަމިއްޔާތައްވެސް ހިމެނެއެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި ޖުމްލަ 8 ޕްލެނަރީ ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. ތްރީއާރް ފޯރަމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި 2016 ވަނަ އަހަރު މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމުވެސް ވަނީ އިޢުލާންކޮށްފައެވެ. އެގޮތުން އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުގެ 7 ވަނަ ތްރީއާރް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ އެޑިލެއިޑް ސިޓީގައެވެ.