ވިޔަފާރި

އަގުހެޔޮކޮށް މަސްދަޅު ކޭސް ލިބޭ ޕްރޮމޯޝަނެއް މިފްކޯއިން ފަށައިފި


"ބޮޑުއީދު ޕްރޮމޯޝަން"ގެ ނަމުގައި މަސްދަޅު ކޭސް ހެޔޮ އަގެއްގައި ލިބޭ ޕްރޮމޯޝަނެއް މިފްކޯއިން ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި މިފްކޯ މަސްފިހާރައިގެ މާލެސަރަހައްދުގައި ހުރި 3 މަސްފިހާރައިގެ އިތުރުން މިފްކޯ ސައިޓްތަކުގައި ކޫއްޑު، ފެލިވަރު،ހުޅުމީދޫ މަސްވެރިންގެ މެރީނާގައި ހުޅުވާފައިހުރި މިފްކޯ ސައިޓްތަކުގެ ފިހާރަތަކުންވެސް ވިޔަފާރިކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. އީދުބަންދުގެ ކުރިން 25 ޖުލައިގައި ނަސީބުވެރިން ހޮވާނެކަމަށްވެސް އެ ކުންފުނިން ހާމާކުރެއެވެ.

މިފްކޯގެ ކޮންމެ މަސްފިހާރައަކުންނާއި ސައިޓް ފިހާރަތަކުން ވިޔަފާރިކުރައްވާ ބޭފުޅުންނަށް އެފިހާރައަކުން ވަކިން ހޮވާ ނަސީބުވެރިޔާއަށް ޕްރޮމޯޝަންގައި އިނާމް ލިބޭ
6 ނަސީބުވެރިން މި ޕްރޮމޯޝަންގައި ހޮވުމަށް ވަނީ ނިންމާފައެވެ.

ބޮޑު އީދު ޕްރޮމޯޝަންގައި ކޮންމެ ފިހާރައެއްގެ ކަސްޓަމަރުންގެ މެދުގައި ވަކިންނެގޭ ގުރުއަތުގައި ހޮވޭ ނަސީބުވެރިންނަށް ބޮޑުއިނާމްގެ ގޮތުގައި ގޭގައި ބޭނުންކުރާ އެކި އެކި ސާމާނާއި އެކި ބާވަތުގެ މަސްކޭހުގެ ގިފްޓް ހެމްޕާއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިފްކޯއިން ވަނީ ޕްރޮމޯޝަންގައި މިފްކޯގެ ތެލާއި ފެނުގައި ބަންދުކޮށްފައިވާ 48 ދަޅު އަދި 24 ދަޅުގެ ކޭހަށްވެސް ހާއްސަ ރީޓެއިލް އަގުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ފެލިވަރު ތެޔޮމަސް 48 ދަޅުގެ ކޭސް 640 ރުފިޔާއަށް އަދި ފެން މަހުގެ 48 ދަޅުގެ ކޭސް 595 ރުފިޔާއަށް ލިބޭނެކަމަށް މިފްކޯއިން ބުނެއެވެ. ރީޓެއިލް އަގުގައި ބައްލަވައިގަންނަވާ ކޮންމެ މަސްކޭހަކަށް ކޫޕަންއެއް ލިބޭނެއެވެ.

މިފްކޯއިން އާއްމުގޮތެއްގައި 48 ދަޅުގެ ކޭހެއް ވިއްކަނީ 680 ރުފިޔާއަށް އަދި ފެން މަސްދަޅުގެ 48 ދަޅުގެ ކޭސްހެއްގެ އަގަކީ 645 އެވެ.