ޚަބަރު

މައްސަލާގައި ބައްދަލުކުރެވޭނީ ޚަޞްމުންނާއި އެކަނި - ހައިކޯޓް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ގޮސްފައިވާ ހިސާބު ސާފުކުރުމަށް ހައިކޯޓުގެ ރަޖިސްޓްރާ އާއި ބައްދަލުކުރުމަށް އިދިކޮޅު ކޯލިޝަންގެ އިސްވެރިން އެކޯޓަށް ވަޑައިގެންފިއެވެ.

ހައިކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީ އާއި ޕީޕީއެމްގެ އިސްވެރިން ހައިކޯޓަށް މިއަދު ދިޔައީ އެ ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރެއްވުމަށް ކަމަށެވެ. އެހެންނަމަވެސް ރަޖިސްޓަރ ބައްދަލެއް ނުކުރެވުނުކަމަށާއި ކޯޓުގައި ހިގަމުންދާ މައްސަލާގައި އެ ފުރުސަތު އޮންނާނީ މައްސަލައިގެ ހިމެނޭ ހަސްމުންނާއި ނުވަތަ ހަސްމެއްގެ ވަކީލުންނާ އެކަނި ކަމަށް ކޯޓުން އެންގިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

" އަޅުގަނޑުމެން އައިތާ ބައިގަޑއިރު ފަހުން ބޭފުޅަކު އައިސް ޖަވާބެއް ދެއްވީ. ދެން އަޅުގަނޑުމެންނަށް މި ގަބޫލު ކުރެވެނީ މި ސިސްޓަމް ރޭވިފައި އޮތް ގޮތުން އެ ބޭފުޅުން އަމިއްލައަށް ޖަވާބެއް ދެއްވެން ނޯންނަނީ ކަމަށް. އެހެންވީމަ ކަމަށް އެ ލަސްވީ. ދެ ވަނަ ފަހަރަށް ހަމައެހާ ވަގުތު ނަންގަވާފައި ވަޑައިގެން ވިދާޅުވީ އަޅުގަނޑުމެންނާ ބައްދަލު ނުކުރެވޭނެ ކަމަށް. ދެން އަޅުގަނޑުމެންނަށް ލިޔުމުންވެސް އެބަ އޮތް ލިޔުމެއް ދެއްވާފައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ހައިކޯޓްގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާ ބައްދަލުކުރުމަށްވެސް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ ސިޓީއަކުން އެދިފައެވެ. މިސިޓީއަށް ހައިކޯޓުން ދެއްވި ޖަވާބުގައި ވަނީ ރައީސް ޔާމިންގެ މައްސަލައިގެ ޝަރީޢަތް ފެށި މިހާރު ކުރިޔަށްދާއިރު، މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ކޯޓުގައި ދައްކަން ބޭނުންވާ އެންމެހައި ވާހަކަތަކާއި، ހުށަހަޅަން ބޭނުންވާ އެންމެހައި ކަންތައްތައް ހުށަހެޅުމުގެ ފުރުޞަތު އެފަރާތަށް ލިބިގެންވާކަމަށެވެ. އަދި މައްސަލައިގެ ޚަޞްމެއްކަމުގައި ނުހިމެނޭ ފަރާތަކާއި، ބައްދަލުކޮށް މަޢުލޫމާތު ޙިއްސާކުރުމަކީ ކޯޓުން ޢަމަލުކުރަމުންދާ އުޞޫލެއް ނޫންކަމަށްވެސް ހައިކޯޓްގެ ސިޓީގައިވެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރަށް ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި އެ މައްސަލާގައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށްވެސް ކްރިމިނަލްކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި މައްސަލަ ހައިކޯޓްގައިވަނީ އިސްތިއުނާފްކޮށްފައެވެ.