ވިޔަފާރި

ފްލައިޓެއްގައި ރެކޯޑް އަދަދަކަށް މަސް އެކްސްޕޯޓްކޮށްފި

ޓަރކިޝް އެއަރލައިންގެ ކާގޯ ފްލައިޓެއްގައި ރާއްޖެއިން 33.4 ޓަނުގެ މަސް އެކްސްޕޯޓުކޮށްފިއެވެ.

މިއީ މިއަހަރުތެރޭ މިހާ ގިނަ އަދަދެއްގެ މަސް އެއް ފްލައިޓެއްގައި ރާއްޖެއިން ބޭރުކޮށްފައިވާ ފުރަތަމަ ފަހަރުކަމަށް އެމްއޭސީއެލުން ހާމަކުރެއެވެ.

ޓާކިޝް އެއަރލައިންގެ މި ފްލައިޓުގައި ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވާ މަހުގެ ބޮޑު ބައެއް ދާނީ ޔޫރަޕްގެ ޤައުމުތަކަށެވެ. އެގޮތުން މި ފްލައިޓުގައި ޔޫރަޕުގެ ޤައުމުތަކަށް 32.3 ޓަނުގެ ފިނިކުރި މަހާއި، އެއް ޓަނުގެ ދިރޭ މަސް ވަނީ އެކްސްޕޯޓުކޮށްފައެވެ. އަދި 1.2 ޓަނުގެ ފިނިކުރި ފަރުމަސް އެކްސްޕޯޓުކޮށްފައި ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށެވެ.

ކޯވިޑް-19އާ ގުޅިގެން ދަތުރުފަތުރުކުރުމަށް އައި ހުއްޓުމާއެކު ޓާކިޝް އެއަރލައިނުން ރާއްޖެއަށް ކާގޯ ފްލައިޓު ދަތުރުތައް ފަށާފައިވަނީ މިދިޔަ އޭޕްރީލްމަސްތެރޭގައެވެ. އެގޮތުން ކޮންމެ ހަފްތާއަކު ތުރުކީގެ ވެރިރަށް އިސްތަންބޫލުން ފުރައިގެން ސްރީލަންކާގައި ޓުރާންސިޓް ކުރުމަށްފަހު ރާއްޖެއަށް ކާގޯ ދަތުރުތަކެއް ކުރުމަށް ރާވާފައިވާކަމަށް އެ އެއަރލައިނުން ބުނެއެވެ.

ޓާކިޝް އެއަރލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓު އެކްސްޕަޑައިޓް މޯލްޑިވްސްއިން ބުނާގޮތުން މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާވެރިންނަށް މުދާ ގެނައުމުގައި ފަސޭހަވެގެންދާނެއެވެ. އަދި ޔޫރަޕާއި، އެމެރިކާ އާއި މެދުއިރުމަތީގެ ހިސާބުތަކަށް މުދާ އެކްސްޕޯޓުކުރުމަށާއި އެހިސާބުތަކުން ރާއްޖެއަށް ތަރުކާރީ އާއި މޭވާ އާއި ސިއްޙީ ސާމާނުތައް ގެނައުމަށްވެސް ފަސޭހަވާނެކަމަށް އެކުންފުނިން ބުނެއެވެ.

މިދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 777-300 މަރުކައިގެ މަތިންދާބޯޓެވެ. މި ބޯޓުތަކުގައި 42 ޓަނުގެ މުދާ އުފުލޭނެ ކަމަށް އެކްސްޕަޑައިޓް މޯލްޑިވްސްއިން ބުނެއެވެ.

ޓާކިޝް އެއަރލައިނަކީ ފުޅާ ދާއިރާއެއްގައި ކާގޯ ފްލައިޓްތައް އޮޕަރޭޓުކުރާ އެއަރލައިނެކެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ޓާކިޝް އެއަލައިނުން ރާއްޖެއަށް ފަސިންޖަރުންނާއެކު ކުރާ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.