ޚަބަރު

މާލެ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާނީ މާދަމާގެ މަޣްރިބް ނަމާދުން ފެށިގެން


މާލެ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާނީ މާދަމާގެ މަޣްރިބް ނަމާދުން ފެށިގެންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މާދަމާއިން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދުކުރެވޭނެ ކަމަށެވެ. މިއާއެކު ކޯވިޑް-19އާ ގުޅިގެން ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު ރާޢްޖޭގެ ހުރިހާ ރަށެއްގައި ނަމާދުކުރަން ފެށުނީއެވެ.

މާލެ ސަރަހައްދުގައި ޖަމާޢާތުގައި ނަމާދުކުރަން މާދަމާ ފަށާއިރު އެއްވެސް ނަމާދެއް 7 މިނެޓަށްވުރެ ދިގު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް އަންގަވާފައެވެ. އަދި ބަންގިއަށްފަހު 5 މިނެޓުގެ ތެރޭގައި ގަމަތްދީ ނަމާދުކުރަން ފަށަން ޖެހޭނެއެވެ. މީގެ އިތުރުން ހުރިހާ ނަމާދެއްގައިވެސް ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް އަންގަވާފައެވެ.

އިމާމުން ސަމާލުވާންވީ ކަންތައް

- ބަންގިއަށް ފަހު 5 މިނިޓް ތެރޭގައި ޤަމަތް ދީ ނަމާދު ފެށުން
- އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުން
- ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުން

މާދަމާ ޖަމާޢަތުގައި ނަމާދުކުރަން ފަށާއިރު ސިޓީ ކައުންސިލުންވެސް ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުމާއި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖެއްސުންފަދަ ކަންކަން ކައުންސިލުން ހަމަޖައްސަން ޖެހެއެވެ.

ސިޓީ ކައުންސިލުން ސަމާލުކަން ދޭންވީ ކަންކަން:

- ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅަފައި ނެތުން
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
- ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖެއްސުން
- ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ޙާލަތެއް ގައި ނޫނީ އެއާކޯން ބޭނުން ނުކުރުން
- އެއާކޯން ބޭނުން ކުރާ ނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުން

މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ މިސްކިތަށް ނަމާދަށްދާ އާންމުންވެސް ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހާމަކުރައްވާފައެވެ. އެގޮތުން ނަމާދަށްދާއިރު މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުމާއި މާސްކު އެޅުމާއި މިސްކިތައް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުމާއި މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ނުކުރުމާއި މިސްކިތުގަ ބަހައްޓާފައިހުންނަ ޚަތިމްތައް ބޭނުން ނުކުރުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

މިސްކިތަށް ނަމާދަށް ދާ އާންމުން ސަމާލުކަން ދޭންވީ ކަންކަން:

- ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
- މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން
- މާސްކު އެޅުން
- މިސްކިތައް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
- މިސްކިތުގެ އެކިތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން
- ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން
- މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން
- މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އޭގެފަހުން މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމުން މިސްކިތްތައްވެސް ބަންދުކުރިއެވެ. ނަމަވެސް މެއި މަހުގެ 22 ވަނަ ދުވަހު ކޯވިޑް-19ގެ ނުރައްކާ ނެތް ރަށްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ހުޅުވާލިއެވެ. އަދި ފުރަބަންދަށް ލުއި ދިނުމަށްފަހު، މާލެ ސަރަހައްދުގައި ޖަމާޢަތް ނުހަދާ މިސްކިތުގައި ނަމާދުކުރުމުގެ ހުއްދަ މިމަހުގެ 14 ވަނަ ދުވަހު ވަނީ ދީފައެވެ.