ވިޔަފާރި

ފަތުރުވެރިކަން އަލުން ދިރުވޭނީ ފަތުރުވެރިންގެ އިތުބާރާއި ދަތުރުފަތުރުކުރުން ފަސޭހަކޮށްގެން


ފަތުރުވެރިކަން އަލުން ދިރުވޭނީ ދަތުރުވެރިންގެ އިތުބާރާއި ދަތުރުފަތުރުކުރުމުގެ ފަސޭހަކަމުގެ ތިލަފަތް ހަމަހަމަ ކޮށްގެންކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ޔޫއެންޑަބްލިއުޓީއޯގެ ކޮމިޝަން ފޯ އީސްޓް އެންޑް ދަ ޕެސިފިކް، އަދި ކޮމިޝަން ފޯ ސައުތު އޭޝިއާގެ 32 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ އަލީ ވަހީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖެއިން ޤަބޫލުކުރާގޮތުގައި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމާ ގުޅިގެން އަޑިއަޅާލާފައިވާ ފަތުރުވެރިކަން އަލުން ދިރުވުމުގެ ބިންގަލަކީ ދަތުރުވެރިންގެ އިތުބާރާއި ދަތުރުފަތުރުކުރުމުގެ ފަސޭހަކަން ހަމަހަމަކުރުންކަމަށެވެ.

އެއް މިންގަޑުތަކެއް ހިފަހައްޓައިގެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ސަރުކާރާއި، ސަރުކާރު ހިއްސާވާ ފަރާތްތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ކުރަމުންދާ މަސައްކަތުން ލިބޭ ކުރިއެރުންތަކާއި ކާމިޔާބީތަކުން މިއަދު ވިސްނުން ބަދަލުވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ޖުލައިމަހު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލާއިރު ދޭން ބޭނުންވާ އުންމީދުކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވަނީ ކޯވިޑް19 އިން އަރައިގަނެ ބޯޑަރުތައް ހުޅުވައި އަލުން ދަތުރުފަތުރުތައް ފެށުމަށް ޔޫއެންޑަބްލިއުޓީއޯގެ އިސްވެރިންނާއި އެހެން ޤައުމުތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި، އެމީހުންގެ އިތުބާރު ނެގެހެއްޓުމާއި، އެކި ޤައުމުތަކުން އަމަލުކުރަމުންދާ ސިޔާސަތުތައް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކުރިއެވެ. މި ބައްދަލުވުމުގައި ޔޫއެންޑަބްލިއުޓީއޯގެ ކޮމިޝަން ފޯ އީސްޓް އެންޑް ދަ ޕެސިފިކް، އަދި ކޮމިޝަން ފޯ ސައުތު އޭޝިއާގެ މެންބަރު 27 ޤައުމަކުން ވަނީ ބައިވެރިވެފައެވެ.