ޚަބަރު

މެމްބަރުންގެ ދަރީންނާއި އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން އާންމު ނުކުރަން ކޮމިޓީން ފާސްކޮށްފި


ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންގެ ދަރީންނާއި އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން އާންމުނުކުރުމަށް މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފިއެވެ
.
މިމައްސަލަ އާއްމު ކޮމިޓީއަށް ހުށައަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދެވެ.

އާންމު ކޮމިޓީން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިމައްސަލާގައި ބަހުސްކުރައްވާފައެވެ. ކޮމިޓީއަށް މަޖިލިސް ރައީސް ހުށަހަޅުއްވާފައި ވަނީ މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ނުކުރުމަށެވެ. މަޖިލީހުގެ ޤަވާއިދު މިހާރު ބުނާގޮތުން މެމްބަރުންނާއި މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަންޖެހޭނެކަމަށެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ މިގޮތަށް މިކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވެފައެވެ. އާއިލާގެ މެމްބަރުންގެ މާލީބަޔާން އާންމުނަށް ފެންނަން ހުންނާނޭހެން އާންމުކުރުމުގެ ބަދަލުގައި ކަމާއިބެހޭ ވަކި އިދާރާއަކުން އެމައުލޫމާތެއް ބޭނުންވެއްޖެނަމަ އެކަން ކުރެވޭނެ ގޮތަށް ހެދުމަކީ މައްސަލައެއް ނޫންކަމަށް މެމްބަރުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންގެ އަނބިދަރީންގެ މާލީ ބަޔާން އާންމުނުކުރުމަށް ކޮމިޓީން ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ އަހަރެއްގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ކޮންމެ މެމްބަރަކާއި އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ދަރީންގެ މާލީ ބަޔާން ހުށަހަޅަން ޖެހެއެވެ. އަދި މިގޮތަށް އަމަލުނުކުރާ މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ޤާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން އާންމުކުރުމާއި ގުޅޭގޮތުން ބުނެފައި ވަނީ ކޮންމެ މެންބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމަށް ހުށަހަޅާންވާނެ ކަމަށެވެ. އަދި މިގޮތުން ދޭ މަޢުލޫމާތުގައި އެ މީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.