އެމްޓީސީސީން އައްޑޫ ސިޓީ މަރަދޫގައި ކުރިއަށްގެންދާ ބަނދަރު ބޭރު ތޮށިލުމުގެ މަސައްކަތް ނިމުކާ ހަމަޔަށް ހިނގައްޖެ ކަމަށް އެމްޓީސީ ސީން ބުނެފިއެވެ.
އެކުންފުނިން ބުނަނީ ބަނދަރު މަސައްކަތުގައި މިހާރު ހަލުއިކަމާއި އެކު ކުރިއަށްދަނީ ބަނދަރުގެ ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ކަމަށެވެ. މިމަސައްކަތުގެ %54 މިހާރު ނިމިފައިވާ ކަމަށާއި، އެއްގަމު ތޮށްޓާވީ ފަޅިން ޕޭވްމެންޓު މަސައްކަތް މުޅިން ނިމިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
އެމްޓީސީސީން ބުނީ މިމަޝްރޫއުގެ ޖުމްލަ މަސައްކަތުގެ ތެރެއިން މިހާތަނަށް %91 މަސައްކަތް މުޅިން ނިންމާލެވިފައިވާކަމަށެވެ. އަދި ނުނިމިހުރި މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާކަމަށްވެސް އެކުންފުނިން ބުނެއެވެ.
ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ ބަދަލުތަކެއް ގެނެސްގެންކަމަށާއި، މަސައްކަތް ނިމޭއިރު ކީވޯލް 419 މީޓަރަށް ބޮޑު ކޮށް ފުރިހަމަ ކުރާނެކަމަށް އެމްޓީސީސީ ބުނެއެވެ. އަދި 340 މީޓަރުގެ ރިވެޓްމެންޓް ޖަހާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.
މިމަޝްރޫއަށް ޖުމްލަ 25.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެކުންފުނީން ލަފާ ކުރެއެވެ. މިމަޝްރޫއު ޑިޒައިނަށް ބަދަލު ގެނެސް އެމްޓީސީސީއާ އަލުން ހަވާލު ކުރީ، މިދިޔަ އަހަރު ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. މިމަޝްރޫގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު 3 ވަނަ ދުވަހުއެވެ.
މިމަޝްރޫއުގެ އިތުރުން އައްޑޫގައި އެމްޓީސީސީން ބަނދަރު ހެދުމުގެ އިތުރު 3 މަޝްރޫއެއްވެސް ކުރިއަށް އެބަ ގެންދެއެވެ. އެގޮތުން މީދޫ ބަނދަރު ހެދުމާއި، ހުޅުދޫ - މީދޫ މެދު ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ އިތުރުން ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވެސް އެކުންފުނިން ވަނީ ސޮއިކޮށްފައެވެ.