ސިއްހަތު

ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު ދަށްވެއްޖެ


ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު ދަށްވަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.



ހެލްތް މިނިސްޓްރީގެ ސްޕޯކްސް ޕަރސަން ތަސްލީމާ އުސްމާން ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ޑެންގީ ޖެހޭ އަދަދު ވަރަށް މަދުވެފައިވާކަމަށާއި، ވޭތުވެދިޔަ ހަފްތާގައި ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 70 މީހުން ކަމަށެވެ. މީގެ ތެރެއިން ގިނައިން ރިޕޯޓް ކޮށްފައިވަނީ ސ.ހިތަދޫންނާއި ށ. ނަރޫދޫގެ އިތުރަށް ހއ. އުތީމުންނެވެ.



މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައިކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. އެ ހަފްތާގައި 155 ކޭސް އަދި އެ މަހުގެ ދެވަނަ ހަފްތާގައި 125 ކޭސް ރިޕޯޓް ކޮށްފައިވާކަމަށްވެސް އެމިނިސްޓްރީން ހާމަކުރެއެވެ.



ޑެންގީ ހުން ޖެހިގެން މިއަހަރު މިހާތަނަށް 900 އަށްވުރެ ކޭސް ހުށައެޅުފައިވާ އިރު ޑެންގީ ކޮންޓުރޯލް ކުރުމަށް މުޅި ރާއްޖޭގައި ވެސް މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މިއަހަރު ވަނީ ޑެންގީހުން ޖެހިގެން 3 މީހަކު މަރުވެފައެވެ.