ޚަބަރު

ކޯވިޑް-19 : ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ޖުލައި 14އާއި ހަމައަށް ދަމަހައްޓައިފި


ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ މަހުގެ 14ވަނަ ދުވަހާ ހަމައަށް އިތުރުކުރައްވައިފިއެވެ. ހެލްތު މިނިސްޓަރ ޢަބްދުﷲ ޢަމީން ސޮއިކުރައްވައި ނެރުއްވި ޤަރާރުގައި ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އަށް ދިވެހިރާއްޖޭގައި ޕޮޒިޓިވްވި ފުރަތަމަ ކޭސް މާރޗް 7 ގައި ފެނުނު ފަހުން، އެ ބަލި ފެތުރުން އިތުރުވަމުން އައިސްފައިވާތީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައި ވާކަަމަށެވެ.

އަދި ކޯވިޑް-19 އަކީ "ޕެންޑަމިކް" އެއްގެ ގޮތުގައި ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ކަނޑައަޅާފައިވުމާއެކު، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، 12 މާރިޗުން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، ޖޫން މަހުގެ 29ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމެވިކަމަށް މިޤަރާރުގައި ވެއެވެ. އަދި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލުކުރެވޭކަމަށް އެމަނިކުފާނަށް ލަފާދެއްވާފައިވާތީ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، 14 ޖުލައިގެ ނިޔަލަށް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު ދެމެހެއްޓުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުންގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާކަމަށްވެސް ހެލްތު މިނިސްޓަރުގެ ޤަރާރުގައިވެއެވެ.

ރާއްޖޭގެ ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ. އަދި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި، އިއުލާނުކުރަން ސިއްޙަތާ ބެހޭ ވަޒީރަށް ލަފާދެއްވާނީ ވެސް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ. މިއީ ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު ދެމެހެއްޓި 4ވަނަ ފަހަރެވެ.