އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާހޯދުމަށް 28 ބަލިމީހަކު ފުރުވާލައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާސަރުކާރުން ދެއްވި ހުއްދައާއެކު، އާސަންދައިގެ ޚަރަދުގައި މިރޭ 28 ބަލިމީހުން އިތުރު ފަރުވާ ހޯދުމަށް އިންޑިއާއަށް ފޮނުވާލާފައިވާކަން އާސަންދަ ކުންފުނިން ވަނީ ހާމަކުރައްވާފައެވެ. މި މީހުން ރާއްޖެއިން ފުރާފައިވަނީ ރޭގަނޑު 10:15ގައެވެ. މި 28 ބަލިމީހުންނާއެކު އެމީހުންގެ އެހީތެރިންނާއި އަދި ބަލިމީހުންގެ ޞީއްޙީ ކަންކަން ދަތުރުމަތީގައި ބެލެހެއްޓުމަށް 2 ޑޮކްޓަރުންނާއި 5 ނަރުހުންވެސް ފުރާނެއެވެ. 28 ބަލި މީހުންގެ ތެރެއިން 2 މީހުންނަކީ ސްޓްރެޗަރގައި ގެންދާ ދެމީހުންކަމަށް އާސަންދައިން މަޢުލޫމާތުދެއްވައެވެ.
ފްލައިޓުން ދަތުރުކުރާ ހުރިހާ ފަސިންޖަރުންވެސް އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސައި އެޤައުމުގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޯވިޑް-19އަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާ އެކުގައެވެ. އިންޑިއާއިންވެސް މި ފަސިންޖަރުން ކޯވިޑް-19އަށް ޓެސްޓު ކުރާނެކަމަށް އާސަންދައިން ވިދާޅުވިއެވެ. އަދި އެ ޤައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް-19އަށް ޓެސްޓު ކުރާނެއެވެ.
މި އެންމެންގެ ވެސް ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓަރ، އެއިމްސް ގައެވެ. ކަރަންޓީނުގައި ތިބޭނީވެސް އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގައެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާ ކުރިއަށް ގެންދެވޭނެއެވެ.
އިންޑިއާގައި ފްލައިޓް ލޭންޑްކުރާ ގަޑިއަށް ޕަސެންޖަރުން ބަލާ އެއިމްސްގެ ފަރާތުން 4 ކާރާއި 5 އެމްބިއުލާންސާއި 4 ޓްރެވެލް ބަސް އަދި 21 ޕެރަމެޑިކުންނާއި ހޮސްޕިޓަލުގެ 3 މެޑިކަލް ކޯޑިނޭޓަރުން ދާނެއެވެ. މީގެ ތެރެއިން 1 ކޯޑިނޭޓަރަކީ ދިވެހި ބަހުން ވާހަކަދައްކަން ދަންނަ ކޯޑިނޭޓަރެކެވެ. މަގުތަކުގެ ޓްރެފިކް ބޮޑު ނޫންނަމަ އެއަރޕޯޓުން ހޮސްޕިޓަލާ ދެމެދުގެ ދަތުރުގައި ވާނީ ގަޑިއެއްހާއިރެވެ. ހޮސްޕިޓަލަށް ބަލިމީހުން ފޯރާއިރު އިނީޝިއަލް އެސެސްމެންޓް ހެދުމަށް 30 ޑޮކްޓަރުން ސްޓޭންޑްބައިގަ ތިބޭނެއެވެ. އެސެސްމެންޓަށް ފަހު ވަގުތުން ފަރުވާދޭން ޖެހޭ މީހުން ވަކިކޮށް އެހެން ބަލި މީހުންނާ ވަކިން އެ މީހުން އެޑްމިޓްކޮށް ވަގުތުން ފަރުވާދޭން ފަށާނެއެވެ.
މިރޭގެ ފްލައިޓުން 37 ބަލިމީހުން ފުރުވަން ކުރިން ހަމަޖެހިފައިވީނަމަވެސް އެކިއެކި ސަބަބުތަކާހެދި ބައެއް ބަލިމީހުން މިދުވަސްވަރު ދަތުރުކުރުމަށް އުޒުރުވެރި ވެފައިވާތީވެ މި ފްލައިޓްގައި ދަތުރުކުރަނީ 28 ބަލި މީހުންކަމަށް އާސަންދައިން ވިދާޅުވިއެވެ. މިރޭ ބަލިމީހުން ގޮވައިގެން މިދާ ފްލައިޓު އެނބުރި އަންނާނީ އިންޑިއާއަށް ފަރުވާ އަށް ގޮސް ނާދެވި ތިބި 7 މީހުން ގޮވައިގެންކަމަށް އާސަންދަ ކުންފުނިން ވިދާޅުވިއެވެ.
އާސަންދައިގެ ދަށުން އިންޑިއާއަށް ދެވަނަ ފްލައިޓެއްގައި ދާން 50އަށްވުރެ ގިނަ ބަލިމީހުން މިހާރުވެސް ވަނީ ލިސްޓުކުރެވިފައެވެ. މީގެ ތެރެއިންވެސް އެންމެ ކްރިޓިކަލް ބަލިމީހުން ފަރުވާއަށް ފޮނުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް އާސަންދައިން މިހާރުވެސްދަނީ ކުރަމުންނެވެ.