ވިޔަފާރި

ދަތުރުފަތުރުގެ ދާއިރާގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ޤާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ދަތުރުފަތުރުގެ ދާއިރާގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ޤާއިމްކުރުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ބީއެމްއެލްއާއެކު މަޝްވަރާކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ ޓިމޯތީ ސޯޔާ އާއި އެކު ބޭއްވި މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާވަނީ އެ ބޭންކާއި ގުޅިގެން ޓްރާންސްޕޯޓުގެ ދާއިރާގެ ޙިދުމަތްތައް އިތުރަށް ޒަމާނީކޮށް ތަރައްޤީކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން އާއްމުންނަށް ޙިދުމަތްތައް ފޯރުކޮށްދެމުން އައި ގޮތްތަކަށް ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ. އޮންލައިންކޮށް ޙިދުމަތްތައް ދެވޭނެ ގޮތްތައް ހަމަޖައްސަމުންދާއިރު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތައްވެސް އޮންލައިންކޮށް ހޯދޭނެ ޕްލެޓްފޯމެއް ވަނީ ޤާއިމްކޮށްފައެވެ.

އާއްމުންނަށް ޙިދުމަތްދޭ ގިނަ ތަންތަނުންވެސް މިހާރު ވަނީ އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ.