ވިޔަފާރި

އަލުން ބޯޑަރު ހުޅުވާއިރު ބައިނަލްއަޤްވާމީ ފްލައިޓްތަކަށް ބައެއް ހިދުމަތްތައް ހިލޭ ދެނީ


ބޯޑަރު ހުޅުވާލާ ހިސާބުން ފެށިގެން އޯގަސްޓުގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޝެޑިއުލް ފްލައިޓްތަކަށް ބައެއް ހިދުމަތް ތަކެއް ހިލޭ ދިނުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ، އެމްއޭސީއެލް ނިންމައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ނެރުނު ބަޔާނުގައި ބުނީ ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް ބޮޑު އަސަރެއްކޮށްފައިވާކަމަށެވެ. މިކަމުގެ ސަބަބުން އެއަރލައިންތަަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވާތީ ދެވޭ އެހީތެރިކަމެއްގެ ގޮތުން ބޯޑަރު ހުޅުވުމަށްފަހު ވީއައިއޭއަށް ޖައްސާ ބައިނަލްއަޤްވާމީ ފްލައިޓްތަކަށް ދެވޭ އެކި ހިދުމަތްތަކުން ނަގާ ފީތަކަށް ވަކި މުއްދަތަކަށް އެކީގައި ކަނޑާލައި، ބޮޑެތި ޑިސްކައުންޓް ދޭން ނިންމާފައިވާކަމަށެވެ.

އެމްއޭސީއެލްއިން ބުނީ ފްލައިޓްތަކުން ނަގާ ގްރައުންޑް ހެންޑްލިން، ނެވިގޭޝަން އަދި ޕާކިން ފީތައް ޖުލައި 15 އިން އޯގަސްޓުގެ ނިޔަލަށް ހިލޭ ދިނުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް ތެޔޮ އަޅާނަމަ އާއްމު ރޭޓުން އަގު ނަގާނެ ކަމަށެވެ. ސެޕްޓެމްބަރުން 27 އޮކްޓޫބަރުގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް މިހިދުމަތްތަކުން 75 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެއެވެ. އޮކްޓޫބަރު 28 އިން އަންނަ އަހަރުގެ އޮކްޓޫބަރު 28 ގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް 50 ޕަސެންޓުގެ ޑިސްކައުންޓް ދޭނެކަމަށް އެމްއޭސީއެލްއިން ބުނިއެވެ.

އެމްއޭސީއެލް ބުނީ މިއީ އަލުން ދުނިޔޭގެ އޭވިއޭޝަން ދާއިރާ ފަށައިގަންނައިރު، އެއަރލައިންތަކަށް އޮޕަރޭޝަން ރާއްޖެއަށް ފެށުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރާ ކަމެއްކަމަށެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި އަލުން ހުޅުވުމަށް ތައްޔާރުވަމުންދާއިރު މިހާރުވެސް އޮޕަރޭޝަންތައް ފެށުމަށް 11 ބައިނަލްއަޤްވާމީ އެއަރލަަަައިނަކުން އެދިފައިވާކަމަށް ސަރުކާރުން މައުލޫމާތުދީފައިވެއެވެ. އަނެއްކޮޅުން އެއަރޕޯޓުން އަލުން ހިދުމަތްދޭން ފެށުމަށް އައު އާންމު ހާލަތުގެ ދަށުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެއަރޕޯޓުގެ މުވައްޒަފުން އަދި އެއަރޕޯޓު ބޭނުންކުރާ މީހުންގެ ރައްކާތެރިކަމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަލުން އެއަރޕޯޓު ހުޅުވާއިރު، ކޮންމެ 20 މިނެޓަކުން ފްލައިޓަށް ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ.