ޚަބަރު

ރޭޕް ބޮޑުކުށަކަށް ހަދައި ޖިނާއީ އިޖުރާތުގެ ޤާނޫނަށް ހުށައެޅި އިސްލާޙުގެ ބިލު މާދަމާ ފާސްކުރަނީ


ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި 11 ކުށެއް ކަނޑައަޅައި، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަންޖެހޭ ގޮތަށް ޖިނާއީ އިޖުރާތު ޤާނޫނަށް ހުށައެޅި އިސްލާހުތައް ކޮމިޓީން ފާސްކޮށް ތަޅުމުން ބިލްފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ޖިނާއީ އިޖުރާތު ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޮނުވި ބިލު މަޖިލީހަށް ހުށަހަޅައި ދެއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. ބިލުގައި ޖިނާއީ ބޮޑުކުށެއްގެ ގޮތުގައި 11 ކުށެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. ބިލުކޮމިޓީން ފާސްކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގައެވެ.

"އަޅުގަނޑުމެން ކޮމިޓީމަރުހަލާގައި ބަލާފައިވާނެ ބިލުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ރައްޔިތުންގެ އެންމެކަންބޮޑުވުން އޮތް ކުށްތައް ހިމަނާފަ. އެކަންކަމާއިއެކު އަޅުގަނޑުމެން ކޮމިޓީން ބިލު ފާސްކޮށްފައިވާނީ" މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވިއެވެ.

  • ޖިނާއީ ބޮޑެތިކުށްތައް:
  • - މީހުން މެރުމުގެ ކުށް
  • - ރޭޕް ކުރުމުގެ ކުށް
  • - ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް
  • - ޓެރަރިޒަމްގެ ކުށް
  • - މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް
  • - ޓްރެފިކް ކުރުމުގެ ކުށް
  • - މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް
  • - އެއްލައްަކައަށްވުރެ މަތީ ފައިސާގެ އަދަދު ހިމެނޭކުށް
  • - ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
  • - ރިޝްވަތުގެ ކުށް
  • - ކޮރަޕްޝަންގެ ކުށް

ޖިނާއީ އިޖުރާތުގެ ޤާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކަށްވެސް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙްޤީޤުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން ޢާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާއި ނުލައި، އެ ތަނަކަށް ވަނުމުގެ ބާރު، ޤާނޫނު ތަންފީޛުކުރާ ކޮންމެ އިދާރާއަކަށް ލިބިގެންވާކަމަށް ހިމަނާފައިވެއެވެ.

ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ޝަރީއަތެއްނެތި ބަންދުގައި ބައިތިއްބާފައިވާ މީހުންގެ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލުތަކެއް ބަޔާންކޮށްފައިވާ އިސްލާޙެވެ. ޤާނޫނަށް މިހާރު ގެންނަ އިސްލާހާއިއެކު ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަން ޖެހެއެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެކަމަށް މިއިސްލާހުގައި ވެއެވެ.

ޤާނޫނަށް ގެެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ބަންދުގައި ބަހައްޓައިގެން ފުލުހުން މީހަކާއި ސުވާލުކުރާ ޙާލަތުގައި، އޭނާ އާއި ސުވާލުކުރަން ފެށުމުގެކުރިން، އޭނާގެ ޤާނޫނީ ވަކީލަށް ނުވަތަ އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން މީހަކަށް ފޯނުކުރުމުގެ ފުރުޞަތުދީ، އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ޖިނާއީ އިޖުރާތުގެ ޤާނޫނަށް ބޮޑެތި އިސްލާހުތައް ގެނެސްފައިވާއިރު، ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމާއި، ޝަރީއަތަކައި ނުލައި ޖަލުގައިތިބި ފަރާތްތަކުގެ މައްސަލަތަކައިމެދު އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅައި އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ޕީޖީ އޮފީހުންދަނީ ކުރަމުންނެވެ. އަދި މިމަސައްކަތުގައި ކޯޓްތަކުގައި ހުރި މައްސަލަތައް އަވަސްކޮށް ނިންމުމަށްވެސް ޕީޖީއޮފީހުންވަނީ އިރުޝާދުދެއްވާފައެވެ.