ވިޔަފާރި

ބޯޑަރު ހުޅުވާއިރު ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލު އާއްމުކޮށްފި


ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު އެއަރޕޯޓުތައް އޮޕަރޭޓްކުރުމާއި ޤައުމަށް އޮޕަރޭޓްކުރާ އެއަރލައިންތަކުން އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، އެމް.ސީ.އޭ.އޭއިން އާންމުކޮށްފިއެވެ.

އެމް.ސީ.އޭ.އޭއިން އާންމުކޮށްފައިވާ މި އުސޫލަކީ 15 ޖުލައިގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު ރާއްޖޭގެ އެއަރޕޯޓްތައް ހިންގާނެ ގޮތާއި، އެއަރޕޯޓްތަކަށް އޮޕަރޭޓްކުރާނެ އެއަރލައިންތަކުން އަމަލު ކުރަންވާގޮތުގެ ތަފްސީލް ހިމެނޭ އުސޫލެކެވެ. މިއުސޫލުގައި ރާއްޖެއަށް ފަތުރުވެރިން އަންނައިރު އަދި ފުރާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ވަނީ ބަޔާންކޮށްފައެވެ.

މި އުސޫލުގައި ވާގޮތުން 15 ޖުލައި ފެށިގެން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމަށްފަހު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށްވެސް އޮންއަރައިވަލް ވިސާ ލިބޭނެއެވެ. ނަމަވެސް ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުގައިވެސް ޓުއަރިޒަމް މިނިސްޓްރީގައި ރަޖިސްޓަރ ކުރެވިފައިވާ ރިޒޯޓެއްގައި ހުންނަކަމުގެ ރިޒަވޭޝަން ކޮންފަމޭޝަން އޮންނަން ވާނެއެވެ. އަދި ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްވެސް ހެލްތް ޑިކްލަރޭޝަން ފޯމް ފުރިހަމަ ކުރަންޖެހޭނެއެވެ. މިފޯމަކީ ރާއްޖެއަށް ޖެއްސުމަށްފަހު އިމިގްރޭޝަނަށް ހަވާލުކުރަންޖެހޭ ފޯމެކެވެ.

މިއުސޫލުގައި ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިންތަކުން ބެހެއްޓުމަށް މޯލްޑިވްސް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ކަނޑައަޅާފައިވާ މިންގަނޑުތަކެއްވެސް ހިމަނާފައިވެއެވެ. އަދި ރާއްޖެއަށް ދަތުރުކުރާ ކޮންމެ ފްލައިޓެއްގައިވެސް ކޮންމެހެން އިއުލާންކުރަންޖެހޭ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.

ފްލައިޓްގައި ދަތުރުކުރާ ފަސިންޖަރެއްގެ ގައިން ކޯވިޑް-19ގެ އަލާމަތް ފެނިއްޖެ ހާލަތެއްގައި އަމަލުކުރަންވާ ގޮތް މި އުސޫލުގައި ވަނީ ކަނޑައަޅާފައެވެ. ފްލައިޓްގައި ދަތުރުކުރާއިރު ކްރޫއިންވެސް އަދި ފަސިންޖަރުންވެސް ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅަންޖެހޭނެއެވެ. އަދި ފަސިންޖަރެއްގެ ގައިން ކޯވިޑް-19ގެ އަލާމަތް ފެނިއްޖެނަމަ އިމިގްރޭޝަން ޑެސްކް، ބޯޑަރ ކޮންޓްރޯލް ހެލްތް ޑެސްކް އަދި ކޯވިޑް-19ގެ ހެލްތު ލައިން ކަމަށްވާ 1676 އަށް އެންގުމަށް މި އުސޫލުގައި ވެއެވެ.

ފްލައިޓްގައި މާސްކު އެޅުމުން އިސްތިސްނާވާ ފަރާތްތަކާއި ހާލަތްތައްވެސް މި އުސޫލުގައި ތަފްސީލްކޮށްދީފައިވެއެވެ. މިގޮތުން ފްލައިޓްގައި 6 އަހަރުން ދަށުގެ ކުދިން މާސްކު އަޅާކަށް ނުޖެހޭނެއެވެ. އަދި ބަލި ހާލަތާއި ހެދި މާސްކު ނާޅާ ހުރެވިދާނެއެވެ. ފްލައިޓްގައި ކާބޯތަކެތި ސާވް ކުރާ ގަޑީގައިވެސް މާސްކު ނާޅާ ތިބެވޭއިރު، ކްރޫ މެންބަރުންގެ ހުއްދައާއި އެކު އެހެން ހާލަތްތަކުގައިވެސް މާސްކު ނާޅާ ތިބެވޭނެއެވެ.

ރާއްޖެއިން ފުރާ ފަސިންޖަރުން އެފުރާ މަންޒިލަކަށް ދިއުމުގެ ކުރިން އެތަންތަނުން ކަނޑައަޅާފައިވާ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވާޅުތައް އޮޅުން ފިލުވާ ފުރިހަމަ ކުރަންޖެހޭނެ ކަމަށް މި އުސޫލުގައިވެއެވެ. އަދި ކޯވިޑް-19 އަލާމަތްތައް ފެނިއްޖެއްޔާ ހެލްތް ލައިންނަށް އެންގުމަށާއި، ފްލައިޓް ބުކިން ކެންސަލް ކުރަންޖެހިއްޖެ ހާލަތުގައިވެސް ހެލްތް ލައިންނަށް އެންގުމަށް މިއުސޫލުގައިވެއެވެ. މިއުސޫލަށް އަމަލުކުރަންޖެހޭނީ ޖުލައި މަހުގެ 15 އިން ފެށިގެނެވެ.