ޚަބަރު

ބޭސް ފަރުވާއަށް އިންޑިއާއަށް ފޮނުވާ 36 ދިވެހިން ހޯމަ ދުވަހު ފުރާނެ


ރާއްޖެއިން ފަރުވާލިބެން ނެތް ބަލިތަކަށް ބޭސް ފަރުވާ ކުރުމަށް އިންޑިއާގެ ކޮޗިންއަށް ދިއުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވާ ދިވެހިން މިމަހުގެ 29 ވަނަ ދުވަހު ފުރުވާލުމަށް ހަމަޖެހިފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ފަރުވާ ލިބެންނެތް މީހުންގެ ތެރެއިން 36 މީހަކު ފުރުވާލުމުގެ އިންތިޒާމު ހަމަޖެހި މިމަހުގެ 29 ވަނަ ދުވަހު ފުރުވާލުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އިތުރު 51 މީހަކަށް ރާއްޖެއިން ބޭރުން ފަރުވާ ދިނުމަށް ފުރުވާލަންޖެހޭތީ އެކަން ހަމަޖެއްސުމުގެ މަސައްކަތްވެސް ފޮރިން މިނިސްޓްރީން ކުރަމުންދާކަމަށެވެ.

ކޯވިޑް-19ގެ ޙާލަތައި ގުޅިގެން ފުރަބަންދުގައި އޮތް އިންޑިޔާއަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ ލިބިފައިވާކަން ހާމަކުރެއްވީ މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާ ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން އިންޑިއާއަށް ދިވެހިން ފޮނުވުމުގެ މަސައްކަތް ކުރަމުންދަކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާއަކީ މިދަނޑިވަޅުގައި ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިން ޤައުމުކަމަށެވެ. ބޭސްފަރުވާއަށް ރާއްޖެއިން އިންޑިއާއަށް ފުރުވާލާ މީހުންގެ ތެރޭގައި ކެންސަރު ބައްޔަށް ރޭޑިއޭޝަން ތެރަޕީ ބޭނުންވެފައިވާ މީހުންވެސް ހިމެނެއެވެ.

ކޯވިޑް-19ގެ ސަބަބުން ބަންދުކޮށްފައިވާ އިންޑިއާގެ ބޯޑަރުތައް އަދި ހުޅުވާފައެއް ނުވެއެވެ. އެހެންނަމަވެސް ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރެވޭނެ މަގު ފަހި ކޮށްދިނުމަކީ ރާއްޖެއާއި އެޤައުމާ މެދުގައި އޮތް ޒަމާންވީ ވަރުގަދަ ގުޅުން ހާމަކޮށްދޭކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.