ޚަބަރު

ޖިންސީ ގޯނާކުރި މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭ - އިދިކޮޅި


އެއްވެސް ތަފާތު ކުރުމެއް އޮޅުވާލުމެއްނެތި، ޖިންސީ ގޯނާ ލިބުނު ފަރާތުގެ ޙައްޤުތައް ޙިމާޔަތްކޮށްދީ އިންސާފު ހޯދައިދިނުމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި ދެ ފިރިހެނުން ވަނީ ދޫކޮށްލާފައެވެ. ފުލުހުން ވިދާޅުވީ މި ދެމީހުން ދޫކޮށްލީ އެ މައްސަލައިގެ ތަހުޤީގު ނިމެންދެން ބަންދުގައި ބެހެއްޓޭވަރުގެ އެއްވެސް ސަބަބެއް ނެތުމުންކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ތަހުޤީގުކުރަމުން އަންނަކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ބިދޭސީ އަންހެން މީހާއެވެ.

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުމުން އެކަން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުށުގެ ވެށިން ހައްޔަރުކުރި މި ދެމީހުން ބަންދުކުރުމަށް އެކަށީގެންވާ ސަބަބެއް ނެތްކަމަށް ބުނެ އެމީހުން ދޫކޮށްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއްނޫކަމަށެވެ.

އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރޭޕް ކުރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަކީ އެންމެ ނުބައި މުޖުރިމުން ކަމުގައި ވީހިނދު، އަދި ޤާނޫނުލް ޢުޤޫބާތުގައި އެފަދަ ފަރާތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ ހަރުކަށި އެފަރާތްތަކަށް ދޭންޖެހޭނެކަމަށެވެ. މިކަމުގައި ވަކި ޢާއިލާއަކަށް ނުވަތަ މަޤާމަކަށްނުވަތަ ވަކި ފަރާތަކަށް ބެލުމެއްނެތި، ޤާނޫނު ތަންފީޒު ކުރެވެންޖެހޭނެކަމަށާއި މިފަދަ ލާއިންސާނީ، އަނިޔާވެރި ޢަމަލު ހިންގާ މީހުންނަކީ އެއްގޮތަކަށްވެސް މުޖްތަމަޢުގެ ތެރެއަށް ދޫކުރެވިފައި ތިބެގެންވާނެ ބައެއް ނޫންކަމަށްވެސް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

އެއްވެސް ތަފާތު ކުރުމެއް އޮޅުވާލުމެއްނެތި، ޖިންސީ ގޯނާލިބުނު ފަރާތުގެ ޙައްޤުތައް ޙިމާޔަތްކޮށްދީ އިންސާފު ހޯދައިދިނުމަށާއި، މިކަންކުރިބަޔަކަށް ޤާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޕީޕީއެމް، ޕީއެސްސީ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.