ފުރަބަންދުގެ މުއްދަތު މާދަމާ ހަމަވާއިރު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 1875 އަށް އިތުރުވެއްޖެއެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ރަނގަޅުވެފައިވަނީ 12 މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް މި ބަލިޖެހުނު 2305 މީހުންގެ ތެރެއިން %81 އަށްވުރެ ގިނަ މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހަލާތާއިއެކު ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންވަނީ ފުރަބަންދުގައި ތިބެފައެވެ. ޚާއްސަކޮށް މާލެ އޭރިޔާ ހިމެނޭ ސަރަހައްދުގައި ގިނަބަޔަކު ގެއިން ނުނިކުމެ 2 މަހަށްވުރެ ގިނަ ދުވަސް ވަނީ ހޭދަކޮށްފައެވެ.
އެންމެފަހުން އިއުލާންކުރި ފުރަބަންދުގެ މުއްދަތު މާދަމައަށް ހަމަވާއިރު، އިތުރު ލުއިތަކެއް ޖުލައި 1 ވަނަ ދުވަހުން ފެށިގެން ދިނުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިދެވޭނެ ލުއިތަކާއިގުޅޭ ބައެއް މުހިންމު އެންގުންތައް އެޗްޕީއޭއިންދަނީ އަންގަމުންނެވެ. މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދު ކުރުމުގެ ހުއްދަ ދީފައިވާއިރު، ހޮޓާ، ރެސްޓޯރެންޓު ހުޅުވުމާއި، ޕާކްތައް ހުޅުވުމާއި، ޖިމްތައް ހުޅުވާއިރު އަމަލުކުރާނެ އުސޫލުތައް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 112 ދުވަސްވެފައިވާއިރު ބަލިޖެހުނު މީހުންގެ ތެރެއިން ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ މަދުވަމުންނެވެ. އެގޮތުން މިއަދުވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއާއެކު މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 408އަށް މަދުވެފައެވެ.
މިބަލި ފެތުރުން ކޮންޓްރޯލް ކުރުމައްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދު ފުރަބަންދުކުރުމަށްފަހު މިހާރުމިވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ނަމަވެސް މި ލުއިތަކާއެކުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.